ސައުދީ އަރަބިއާއިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ކޮށްފައިވާ ބިޑުގެ އިތުރުން 2030 ވަނަ އަހަރު ސްޕެއިނާއި މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް ބިޑަށްވެސް އިނގިރޭސި އެފްއޭއިން ތާއީދުކުރާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ކުރިއަށް އޮތް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ވާދަވެރި ބިޑްތަކެއް ހުށަހަޅާފައެއް ނުވެއެވެ. ސްޕެއިނާއި މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވާ ވޯލްޑް ކަޕްގެ ބައެއް މެޗުތައް އުރުގުއާއީއާއި އާޖެންޓީނާ އަދި ޕެރަގުއާއީގައިވެސް ކުޅުމަށް ހަމަޖައްސާފައިވާ އިރު، އެ ދެ ބިޑަށް ގައުމުތަކުގެ ރުހުން ހޯދަން މިރޭ ފީފާގެ އޮންލައިން ކޮންްގްރެސްގައި ހުށަހަޅާނެއެވެ.

އެ ދެ ބިޑަށް މިރޭ ފީފާއިން ވޯޓަށް އަހާނީ އެކުގައެވެ. އެހެންކަމުން ވަކި ބިޑަކަށް ތާއީދުނުކޮށް ދޫކޮށްލެވޭކަށް ނޯވެއެވެ. އިނގިރޭސި އެފްއޭއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އޭގެތެރެއިން ސައުދީގެ ވޯލްޑް ކަޕް ބިޑަށެވެ. އެއީ އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ތަފާތުކުރުންތައް ބޮޑު ކަމަށް ބުނެއެވެ.

އެ ވިސްނުމަކީ އާއްމުކޮށް ހުޅަނގުގެ ގައުމުތަކުން އަރަބި ގައުމުތަކާ މެދު ގެންގުޅުމުންދާ ވިސްނުމެކެވެ. އެގޮތުން ގަތަރު ވޯލްޑް ކަޕާ ދެކޮޅަށްވެސް އިނގިރޭސި މީޑިއާތަކާއި އެފްއޭއިންވެސް ވަނީ ހާއްސަ ޕްރޮޕެގެންޑާ ކެމްޕޭނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް، ގަތަރުގެ ވޯލްޑް ކަޕަށް ގިނަ ބައެއްގެ ތައުރީފު ލިބުމުން، އެކަމުގެ ވާހަކަތައް ފަހުން މާ ބޮޑަށް އާއްމުވެފައެއް ނުވެއެވެ.

ފީފާއިން ސައުދީގެ ބިޑަށް ޖުމުލަކޮށް، 5 އަކުން 4.2 ގެ ސްކޯއެއް ދީފައިވެއެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް އިވެލުއޭޝަން ކޮމިޓީން ދީފައިވާ އެންމެ މަތީ ސްކޯއެވެ. ސައުދީން ވޯލްޑް ކަޕަށް ސްޓޭޑިއަމްތައް މަރާމާތުކޮށް، މުޅިން އާ ސިޓީ އޭރިއާއެއް ތަރައްގީ ކުރަން ނިންމާފައިވާ އިރު، އެކަންކަމަށް އަލިއަޅުވާލައި އިވެލުއޭޝަން ރިޕޯޓުގައި ބުނީ، ކުރާ ހަރަދު ބޮޑު ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރަން ސައުދީން ވިސްނާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރަށްޓެހި ވޯލްޑް ކަޕަކަށް ސައުދީން ސަމާލުކަން ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ސައުދީގެ ބިޑްގައި ވޯލްޑް ކަޕް ހޯސްޓް ކުރާނެ ތާރީހެއް ނިންމާފައެއް ނުވެއެވެ. އެގައުމަކީ ހޫނު މޫސުމުގައި 40 ޑިގްރޭ ސެލްޝިއަސްއަށް ހޫނުމިން މަތިވާ ގައުމަކަށްވީ އިރު، މުބާރާތް ބާއްވާނީ ފިނި މޫސުމުގައިތޯ، ނޫނީ ހޫނު މޫސުމުގައިތޯ ނިންމަން އޮތީ ފީފާގެ އަތްމައްޗަށް ދޫކޮށްލައިފައެވެ.