މާލެ ބަރުބަރީ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް އިމާރާތްކުރަން ނިންމައި، އެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އިން މިއަދު "ވަން" އަށް ބުނީ، އެ މިސްކިތުގައި 830 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ އޮންނާނެ ކަމަށާއި އެއީ ތިން ބުރީގެ މިސްކިތެއް ކަމަށެވެ.

އެ މިސްކިތަށް ކިޔާނީ ކުރިންވެސް އެތަނުގައި ހުރި މިސްކިތަށް ކިޔާފައިވާ ނަން "މަސްޖިދުލް ޔޫސުފުލް ބަރުބަރީ" ކަމަށާއި އެ މިސްކިތުގައި ޓެރަހެއް ވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ 18 މަސްދުވަހުން ނިންމާގޮތަށް "އަލިސާފު" ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.