ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފަށައިފިއެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމަށް ލަސްތަކެއް ކުރިމަތިވެފައިވަނީ ކުރީ ސަރުކާރުގައި މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާތަކެއް ނުދައްކައި އޮތުމުގެ ސަބަބުން، އެ ބެކްލޮގް ފިލުވަން ޖެހުމުން ކަމަށް މި ސަރުކާރު ބުނެއެވެ.
މިފްކޯ އިން މިއަދު އާންމުކުރި ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އާދީއްތަ ދުވަހު މަސްވެރިން ކިރުވި މަހަށް އެ ކުންފުނިން ވަނީ މިއަދު ފައިސާ ދައްކައިފައެވެ. އެއީ 172 ދޯންޏަކަށް ޖުމުލަ 2,045,823.37 (ދެ މިލިއަން) ރުފިޔާއެވެ.
މިހާރު މަސްވެރިންނަށް ނުދީ އޮތީ އިއްޔެ ކިރުވި މަހަށް ދޭން ޖެހޭ ފައިސާއެވެ. އެއީ 1،931،526 (1.9 މިލިއަން) ރުފިޔާއެވެ. މި ސަރުކާރު ހަވާލުވި ފަހުން މިފްކޯ މެދުވެރިކޮށް، ބިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
ކ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގާފަރުގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) އިން މިދިޔަ އާދިއްތަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންނަށް ނުދީހުރި ފައިސާ މިއަދު މިފްކޯއިން ދީފައިވާ ކަމަށާއި އެއީ 38 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ބެކްލޮގް ނިމުނީ. އިރާދަ ކުރެއްވިއްޔާ ދެނެއް ބެކްކޮލެއް ނާންނާނެ. އަޅުގަނޑުމެން އިއްޔެ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވާނީ ވަރަށް މުހިންމު އެރޭންޖުމެންޓެއް ހަދާފަ، އެގްރީމެންޓެއް ހަދާފަ. އެއީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ތިންބައިމީހުންގެ އެގްރީމެންޓެއްގަ އިއްޔެ ސޮއިކުރެވިފަ އިންތިޒާމުތަކެއް ހަމަޖައްސައިފިން. އެ އިންތިޒާމުތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގަ އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭ ފައިސާ ޖަމާކުރުމުގެ ކަންތައް އެއޮތީ ހަމަޖައްސައިދީފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ ބީއެމްއެލްގަ އެކައުންޓެއް އޮތް މަސްދޯންޏެއް ވިއްޔާ" ރައީސް އިއްޔެ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ގެންދަވަނީ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވަމުން ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށް، މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުން، ރައީސް މަސްވެރިންނަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާކަން ސާފުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު