ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގެ ހޮސްޕިޓަލަކާއި، ތައިލެންޑުގެ ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު އާސަންދައިގެ ދަށުން ހިދުމަތްދިނުމަށް މިއަދު ސޮއިކޮށްފިއެވެ.
އާސަންދައިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދަން ބަލިމީހުން ފޮނުވުމަށް ތައިލެންޑުގެ ދަ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އަބޫދާބީގެ ބްރްޖީލް މެޑިކަލް ސިޓީއާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އާސަންދައިން ބުންޏެވެ.
އެ ތިން ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމުން، ކަނޑައެޅޭ އުސޫލުގެ ތެރެއިން އަންނަ މަހުގެ 15 އިން ފެށިގެން އެ ހޮސްޕިޓަލުތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިގެ ދަށުން ތައިލެޑުންނާއި ޔޫއޭއީ އިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ރައީސް މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ވަކި ދިމާއެއްގައި އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތެއްގެ ގޮތުގައި އާސަންދައިގެ ހިދުމަތް އޮތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައި އޭރު ވިދާޅުވެފައިވަނީ ތައިލެންޑާއި ޔޫއޭއީއިން އެ ހިދުމަތް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު