މަސްވެރިކަން ކުރިއަރުވައި ރާއްޖޭގެ އިގްތިސޯދު ބިނާކުރުމުގައި ރާއްޖޭގެ މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ފާހަގަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ މަސްވެރިންގެ ދުވަސްކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
އޭގެ އިތުރުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަސްވެރިން ކުރާ ހިތްމަތުގެ އަގު އިހްތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވާރެއާއި އަވީގައި ރެއާއި ދުވާލު ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިތްމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު