އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީގެ މަރާމާތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަސްގައި މިރޭ ބޭއްވި 37 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި، އިންޑިއާ އިން އެ އެކަޑަމީގެ މަރާމާތަށް އެހީތެރިކަން ފޯރުކޮށްދިންކަން އިއުލާންކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

"މިއަދު އަޅުގަނޑު ފަހުރުވެރިކަމާއެކު އިއުލާންކުރަން، އިންޑިއާ ސަރުކާރުން ވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، އައްޑޫ ކެމްޕަސްގެ މަރާމާތަށް 8.5 މިލިއަން ރުފިޔާގެ އެހީ ދެއްވާފައި. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. މިކަމުން ދައްކުވައިދެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާންތަކަކަށް ދެމިގެން ގޮސްފައި އޮތް ޑްރަގުގެ ވަބާ އިން ރާއްޖެ އެއްކޮށް ސަލާމަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ގޭންގުތައް ހަދައިގެން ކުށްތައް ކުރުން އެއްކޮށް ހުއްޓުވުމަކީ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.

"އެއީ ތިކުދިންގެ މިޝަން. ކުށުގެ މާހައުލުގައި އުޅޭ، ކުށް ކުރަމުންދާ ތުއްތުކުދިން އެ މާހައުލުން ސަލާމަތްކޮށް ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ ކުދިންނަކީ ދިވެހިރާއްޖެއަށް ފައިދާ ހުރި ޒުވާނުންތަކަކަށް ހެދުމަކީ އަޅުގަނޑުމެން ގުޅިފައިވާ މި ހޯމް ޓީމުގެ ޒިންމާގެ ތެރެއިން ފުލުހުންގެ ކޮނޑުގައި އެޅިގެންދާ ބޮޑު ޒިންމާއެއް،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމް ޓީމުގެ ތެރޭގައި ހިމެނޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަކީ ފުލުހުން އަޒުމު ވަރުގަދަކަމާއެކު ކުރިމަތިލާން ޖެހޭނެ ޗެލެންޖެއް ކަމަށާއި އެ ކަންކަމަކީ މިއަދު ދިވެހި ރައްޔިތުން، ފުލުހުންގެ ފަރާތުން އެދޭ އެދުން ކަމަށެވެ.