ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް އޮންނަ އޮޑިވެރީންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ކ. އަތޮޅަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް މުހިންމު ކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ނުދީހުރި ފައިސާ މިއަދު މިފްކޯއިން ދީފައިވާ ކަމަށެވެ. އެއީ 38 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ބެކްލޮގް ނިމުނީ. އިރާދަ ކުރެއްވިއްޔާ ދެނެއް ބެކްކޮލެއް ނާންނާނެ. އަޅުގަނޑުމެން އިއްޔެ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވާނީ ވަރަށް މުހިންމު އެރޭންޖުމެންޓެއް ހަދާފަ، އެގްރީމެންޓެއް ހަދާފަ. އެއީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ތިންބައިމީހުންގެ އެގްރީމެންޓެއްގަ އިއްޔެ ސޮއިކުރެވިފަ އިންތިޒާމުތަކެއް ހަމަޖައްސައިފިން. އެ އިންތިޒާމުތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގަ އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭ ފައިސާ ޖަމާކުރުމުގެ ކަންތައް އެއޮތީ ހަމަޖައްސައިދީފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ ބީއެމްއެލްގަ އެކައުންޓެއް އޮތް މަސްދޯންޏެއް ވިއްޔާ" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް އިން މި ކަމަށް ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބީއެމްއެލް އަކީ ހަގީގީ މާނައިގައި ދިވެހީންގެ ބޭންކުކަން ދައްކުވައިދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އޮޑިވެރިންގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓު ހުރި ފަރާތްތަކަށް އެހެން ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މިދިޔަމަހުގެ ތެރޭގައި ވަނީ ޕްރޮގްރާމެއް އިފްތިތާހުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކޮންމެވެސް އެއް ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ޕްރޮގްރާމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދުވެސް މިއަންނަ އަހަރުގެ ނިޔަލަށް ފުއްދައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު