އިނގިރޭސިވިލާތުގެ ލަންޑުނުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަނިޔާވި ވެސްޓް ހަމްގެ މިޝޭލް އެންޓޯނިއޯ ސާޖަރީއެއް ފުރިހަމަކޮށްފިއެވެ.

އުމުރުން 34 އަހަރުގެ އެންޓޯނިއޯގެ ކާރު އެކްސިޑެންޓްވީ އިއްޔެގެ ވަގުތެއްގައެވެ. އެއީ ލަންޑަންގެ އެސެކްސް ސަރަހައްދުގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެންޓޯނިއޯ ދުއްވަން އިން ކާރު ވަނީ ވަރަށް ބޮޑަށް ހާލަކުވެފައެވެ.

އިއްޔެއިން ފެށިގެން ލަންޑަން ހޮސްޕިޓަލުގައި އެންޓޯނިއޯއަށް ފަރުވާދެމުން އަންނައިރު، އަނިޔާގެ މާ ބޮޑު ތަފްސީލުތަކެއް ވެސްޓް ހަމްއިން ހާމަކޮށްފައެއް ނުވެއެވެ. އެ ކްލަބުން އިއްޔެ ބުނީ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި، އެންޓޯނިއޯއަށް ވާހަކަ ދެކެވޭ ކަމަށެވެ.

އެއަށްފަހު އިތުރު މައުލޫމާތެއް ނުދީ 24 ގަޑިއިރުވި ފަހުން، މިއަދު ވެސްޓް ހަމްއިން ބުނީ އެންޓޯނިއޯ ފައިގެ ކުޑަކަޅުވާއާ ދިމާލުން ބިންދައިގެން ގޮސްފައިވާ ކަމަށާއި، އެ އަނިޔާއިން ރިކަވާވުމަށް މިހާރު ސާޖަރީއެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސްޓް ހަމްއިން ބުނީ ކްލަބާއި އެންޓޯނިއޯގެ އާއިލާއަށްވެސް މި އުނދަގޫ ހާލަތުގައި އެކިއެކި ފަރާތްތަކުން ފޮނުވަމުން އަންނަ ހިތްވަރުގެ މެސެޖުތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެންޓޯނިއޯ ވެސްޓްހަމްއާ ގުޅިފައި ވަނީ 2015 ވަނަ އަހަރުއެވެ. އެއި ނޮޓިންހަމް ފޮރެސްޓުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ރެކޯޑު 68 ގޯލު ޖަހައިދީފައެވެ. އެއީ 268 މެޗުންނެވެ.