އއ. އަތޮޅުގެ ތަރައްގީއަށް އެ އަތޮޅު މަތިވެރީގައި ކުރިއަށްގެންދިއުމަށް ނިންމައިފައިވާ އެއާޕޯޓް މަޝްރޫއަކީ މުހިންމު ކަމަށާއި އެ މަޝްރޫއުގެ ކަންކަން ކުރިއަށްގެންދާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު މަތިވެރިއަށް ވަޑައިގެން ރައީސް ވިދާޅުވެފައިވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ، އއ. އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި، މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށެވެ.

އެފަހުން މިއަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި އެއާޕޯޓު ތަރައްގީކުރަން ނިންމައިފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި މަތިވެރި ވެސް ހިމެނެއެވެ.

ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްދުއަށް ވަޑައިގެން ވަނީ އެ އަތޮޅު ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގަައި ރައީސް ވަނީ އއ. އަތޮޅު ބާކީ ނުކުރައްވާނެކަން ފާހަގަކުރައްވާފައި ކަމަށެވެ. އަދި ރައީސް ވަނީ އެއާޕޯޓު މަޝްރޫއަކީ އއ. އަތޮޅުގެ ތަރައްގީއަށް މުހިންމު މަޝްރޫއުއެއްކަން ފާހަގަކުރައްވައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދެވާނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ ޕާސްޕޯޓު ހިދުމަތާއި އައިޑީ ކާޑުގެ ހިދުމަތް އެ އަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައި ކަމަށާއި އެކަމާ ގުޅިގެން ރައީސް ވަނީ އައިޑީ ކާޑާއި ޕާސްޕޯޓް ހިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ފަށައިފައިވާކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައި ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ވަނީ ޓޫރިޒަމް ޓެކްސްއިން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެ މަނިކުފާނު ވައުދުވެޑައިގެންފައިވާކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.