އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އޭސީސީގެ ދެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމްއާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުންނާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބެލުމަށްފަހު މަގާމުން ވަކިކުރަން ނިންމައި، ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

  • މުސްލިމަކު ކަމުގައިވުން
  • ދިވެހިރައްޔިތަކު ކަމުގައިވުން
  • އުމުރުން 25 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން