ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި ކަނޑައެޅި ތާރީހަށްވުރެ އަވަހަށް ޓާމިނަލް ހުޅުވައި ހިދުމަތްދޭން ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ބައިނަލްގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އަމީން މިއަދު ދެއްވި ހިތާބުގައި އެހެން ވިދާޅުވެފައިވާ އިރު، ވީއައިއޭގެ އާ ޓާމިނަލް އަންނަ ޖުލައި މަހު ހުޅުވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
މިނިސްޓަރު އަމީންގެ ހިތާބުގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ އެއާލައިންތަކުން އަންނަނީ ތަފާތު މަރުކާގެ ބޯޓުތައް ގެނެސް، ފުލީޓުތައް ބޮޑުކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި އެގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ މަތިންދާބޯޓު އަންނަ މަހު ގެނެސް، ބައިނަލްއަގުވާމީ އިތުރު މަންޒިލުތަކަށް ދަތުރުތައް ފެށޭނެ ކަމަށެވެ.
"ހަމައެއާއެކު ދިވެހިންގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރަމެވެ. މި ސަރުކާރުގެ އިސްނެގުމާއެކު މިހާރު މަސައްކަތްކުރަމުން މިދަނީ އިރާދަކުރެއްވިއްޔާ ކުރިން ކަނޑައެޅި ތާރީހަށްވުރެ އަވަސް ތާރީހެއްގައި އާ ޓާމިނަލް ހުޅުވައި ހިދުމަތްތައް ދޭން ފެށުމަށެވެ. މިކަމުގެ ސަބަބުން ރާއްޖެ އާއި ބޭރުގެ އެއާލައިންތަކުގެ އުދުހުމުގެ ހަރަކާތްތައް އިތުރުކުރެވި، ފަސިންޖަރުންނަށް މިހާރަށްވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ..،" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަދަނީ އުދުހުމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ ގޮތުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތައް އަލުން ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި މެޑިކަލް އިވެކުއޭޝަން ހިމެނޭގޮތަށް އެ ހިދުމަތް ފެށުމާއެކު ރިސޯޓުތަކާއި އެއާޕޯޓާ ދެމެދު ފަތުރުވެރިން ވައިގެ މަގުން އުފުލުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގައި އެއާޕޯޓުތައް ނެތް އެކި ސަރަހައްދުތަކަށް ރޭގަނޑު ދަތުރުކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ. ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް، މިފަދަ އުދުހުންތައް ރާއްޖޭގައި ފުޅާވުމުން އިގުތިސާދީ އަދި އިޖުތިމާއީ ފައިދާ އިތުރުވެގެންދާނެކަން އުފަލާއެކު ފާހަގަކުރަމެވެ..،" މިނިސްޓަރު އަމީންގެ ހިތާބުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީއަށް ވީއައިއޭގެ އާ ޓާމިނަލާ ގުޅޭ މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް މިދިޔަ މަހު ވިދާޅުވެފައިވަނީ، އާ ޓާމިނަލްގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޓާމިނަލްގެ މަސައްކަތް ވަރަށް ބާރަށް، ،ޝެޑިއުލަށްވުރެ ވެސް އަވަސްކޮށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ލަސްވާގޮތަށް އެމްއޭސީއެލްގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންގެ ސަބަބުން އެ މަސައްކަތް ޑިލޭ ވެފައެއް ނޯންނާނެ، އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުހިނގާނެ، މިއަދުވެސް އެބައޮތް އެފަރާތަތަކާ ބައްދަލުކޮށް ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން،" ޝަރީފް ވިދާޅުވެފައިވެއެވެ.
"މިއަދާ ހަމައަށް 82 ޕަސެންޓް އަޅުގަނޑުމެންނަށް އެޗީވް ވެއްޖެ، ގާތްގަނޑަކަށް 85 ޕަސެންޓް. އޭގެ މާނަ އަކީ އަޅުގަނޑުމެންނަށް ޝެޑިއުލްއާ އެއްވަރަށް މަސައްކަތްތައް އެބަދޭ ކުރިއަށް،"
ޝަރީފް ވިދާޅުވެފައިވަނީ މިހާރު މަަަސައްކަތް ދާގޮތަށް ކުރިއަށްދާނަމަ އަންނަ އަހަރުގެ ޖޫން، ޖުލައިގައި ޓާމިނަލް ހުޅުވޭނެ ކަމަށެވެ. އަދި ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތަށް މިއަހަރުގެ ފަހުކޮޅު ޓާމިނަލްގެ ބައެއް ހުޅުވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު