އެއްވަނައިގައި އޮތުމަކީ ޕްރެޝަރެއް ނަމަވެސް، އެ ޕްރެޝަރުގެ ސަބަބުން ކުޅުންތެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މިހާތަނަށް 14 މެޗު ކުޅެ، 35 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، އެޓީމަށް ޕޮއިންޓް ގެއްލުނީ އެންމެ ތިން މެޗުގައެވެ. އޭގެ ތެރެއިން އެއް މެޗަކީ އެންމެފަހުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗެވެ.

"ލިވަޕޫލަށް ކުޅޭ ކޮންމެ ކުޅުންތެރިޔަކުވެސް، މެޗަށް ނުކުންނަ އިރު ޕްރެޝަރު އޮންނާނެ. އެއީ މި ކްލަބަކީ ބޮޑު ކްލަބަކަށްވާތީ. އަހަރެމެން ކިބައިން އެންމެންވެސް އުންމީދުކުރާނީ ދެ ކަމަކަށް. އެއީ މޮޅު ފުޓުބޯޅައެއް ކުޅުމުގެ އިތުރުން އަބަދުވެސް ތިން ޕޮއިންޓަށް. އެހެންވީމަ އަބަދު އެކަންތަކާ ކުރިމަތިލާން ޖެހިފަ އޮންނަ އޮތުމަކީ ރަނގަޅު ކަމެއް. އެކަމަކު އެ ޕްރެޝަރުގެ ސަބަބުން ލިވަޕޫލްގެ ކުޅުންތެރިންނަށް މާ ބޮޑު އަސަރެއް ނުކުރޭ،" ސްލޮޓް ބުންޏެވެ.

ލިވަޕޫލުން ލީގުގައި ކުރިއަށް އޮތް މެޗުގައި މިއަދު ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. އެމެޗަކީ މާސީ ސައިޑް ޑާބީއަކަށްވާ އިރު، އެ މެޗަކީ ލިވަޕޫލަށް މުހިއްމު މެޗެއް ކަމަށް ކޯޗު ސްލޮޓް ބުންޏެވެ. އޭނާ ބުނީ މިދިޔަ ސީޒަނުގައި ލިވަޕޫލް، އެވަޓަން ދަނޑަށް ގޮސް 2-0 އިން ބަލިވިބަލިވުން ހަނދާން ނައްތާލަން ބޭނުންވާ ކަމަށެވެ.