މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހދ. އަތޮޅު ކައުންސިލުން ތައިލެންޑުގެ ބެންކޮކަށް ކުރި ދަތުރާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓަކީ އެ ކައުންސިލުން ފޯރުކޮށް ދިން މައުލޫމާތުތަކަށް ރިއާޔަތް ކުރުމެއް ނެތި ހަދާފައިވާ އޮޑިޓް ރިޕޯޓެއް ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

އޮޑިޓް އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ ފަހު ހަފުތާގައި ނެރުނު ހދ. އަތޮޅު ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ކައުންސިލުން ބެންކޮކަށް ކުރި ތަޖުރިބާ ދަތުރުގައި އަތޮޅުގެ ކައުންސިލު އިދާރާގެ ހުރިހާ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓުގެ ބައެއް މުވައްޒަފުން ހިމެނޭހެން ޖުމުލަ 20 މުވައްޒަފަކު ބައިވެރިވިއެވެ.

ދިހަ ދުވަހުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމަށް ކުރި އެ ދަތުރުގައި ޖުމުލަ 952،885 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ ދަތުރަކީ ކައުންސިލުގެ މަސައްކަތާ ގުޅުން ހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް ފަންނުވެރިކަން އިތުރުކުރުމަށް ކުރެވުނު ދަތުރެއް ނަމަވެސް، ދަތުރު ނިމި އެއް އަހަރުގެ މުއްދަތެއް ފާއިތުވެގެންދިޔަ އިރުވެސް، ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި އެ ދަތުރުން ހޯދުނު ތަޖުރިބާއާއި ފަންނީ ކުރިއެެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫއެއް ފަށާފައި ނުވާކަން ފާހަގަކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އަދި އެ ދަތުރަށް ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއާ ހިލާފަށް ކަމަށްވާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ފަދަ ހުއްދަ ނޫން ކަމެއް ކޮށްފައިވާ ކަމަށް ބެލެވޭތީ، މާލިއްޔަތު ގަވާއިދުގެ ދަށުން އެ ހަރަދުތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ އޮޑިޓް ރިޕޯޓާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ހދ. އަތޮޅު ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ދަތުރަކީ އެ ކައުންސިލާއި ތައިލެންޑް އެޑްވާންސްޑް އިންޓަނޭޝަނަލް ޓްރެއިނިން ނެޓްވޯކް (އޭޓީޓީއެން)އާ ގުޅިގެން ހިންގި ގުޑް ގަވަނަސް، ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރި ދަތުރެއް ކަމަށެވެ.

"އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓަކީ މިނިސްޓްރީ އޮފް ފިނޭންސް 13-B3/CIR/2023/03 މާލިއްޔަތާބެހޭ ސާކިއުލާއާ ހިލާފަށް ނެރެފައިވާ ރިޕޯޓެކެވެ. އަދި މި ރިޕޯޓަކީ އެ ރިޕޯޓުގެ ދެވަނަ ސަފުހާގައި ބަޔާންކޮށްފައިވާ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތާއި ހިލާފަށް ލިޔެފައިވާ ރިޕޯޓެކެވެ. މީގެ އިތުރުން މި ރިޕޯޓް އާންމުކޮށްފައިވަނީ މި ތަމްރީނު ޕްރޮގްރާމާބެހޭ މައުލޫމާތުތަކާއި މި ދަތުރުގެ ޔައުމިއްޔާއާއި އެހެނިހެން ޑޮކިއުމެންޓްތަކާއި ފޮޓޯތަކާއި އަދި އެ ރިޕޯޓަށް މެނޭޖުމެންޓުން ދީފައިވާ ކޮމެންޓުތަކަށް ރިއާޔަތް ކުރުމެއް ނެތިއެވެ" ހދ. ކައުންސިލުން ބުނެފައިވެއެވެ.

ހދ. އަތޮޅު ކައުންސިލުން ބުނީ، އޮޑިޓް އޮފީހުގެ ރިޕޯޓުގައި ހަވާލާދީފައިވާ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކީ ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއާ އެއްގޮތަށް އަމަލުކުރުމަށް ސާމަލުކަން ދިނުމަށް ނެރެފައިވާ ސާކިއުލާއެއްކަން އޮޑިޓް އޮފީހަށް އެނގިފައިނެތުމަކީ އެ އޮފީހުގެ ޒިންމާދާރުކަމާއި އޮޑިޓް އޮފީހުގެ ގާބިލުކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ދަތުރުގެ ސަބަބުން އެއްވެސް ފައިދާއެއް ކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެ ދަތުރުގައި ބައިވެރިވި ހދ. އަތޮޅުގެ 12 ރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންގެ ބަހެއް ނެތި ކަމަށާއި ތަމްރީނާއި ތަޖުރިބާ ހޯދުމަށް ކުރާ ހަރަދުތަކުގެ ނަތީޖާއަކީ ހަމައެކަނި އިގުތިސޯދީ ނަޒަރަކުން އެކަނި ވަޒަންކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އިންސާނީ ތަރައްގީއަކީވެސް ވަޒަންކުރަންޖެހޭ އެއްޗެއް ކަމަށްވެސް ހދ. އަތޮޅު ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުގެ ބަޔާނުގައި އިތުރަށް ބުނީ، ކައުންސިލްތަކުން އެކުލަވާލާ ތަރައްގީގެ ޕްލޭނާއި މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގާ ހަރަކާތްތަކަށް ހުރަސް އެޅުމާއި ސިޔާސަތު ފާޑުކިޔުމަކީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.