ހުލުމާލެ މަސް މާރުކޭޓު މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލުމަށް ރާވާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ އެ ކޯޕަރޭޝަނުން މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލަނީ ހަމައެކަނި މުނިސިޕަލް ހިދުމަތްތަކާ ގުޅޭ ކަންކަން ކަމަށެވެ.

އެކަން ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިގެން އެޗްޑީސީގެ މުނިސިޕަލް ސާވިސްތަކުގެ ހިދުމަތްތައް ކައުންސިލާ ހިސާބަށް ފޯރުކޮށްދިނުނަށްޓަކައި ގައިޑަލައިންތަކެއް ކަނޑައެޅި، ސިޓީ ކައުންސިލަށް ޓްރާންސްފާވާ މުވައްޒަފުންގެ އަދަދާއި ދެވޭނެ ހުރިހާ ފުރުސަތުތަކެއް އެޗްޑީސީގެ ފަރާތުން ވާނީ ކައުންސިލާ ހިއްސާކޮށްފައި ކަމަށް ފަޒުލް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮމާޝަލް ބިންތައް ފިޔަވައި އާންމު ހިދުމަތްތަކަށް ބޭނުންކުރާ ތަންތަނުގެ ތެރެއިން ހުޅުމާލެ މަސް މާރުކޭޓު މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމަށް ރާވާފައިވާ ކަމަށާއި ކޮމާޝަލް ބިންތައް މިވަގުތު ސިޓީ ކައުންސިލާ ހަވާލުކޮށްފިނަމަ އެޗްޑީސީ ހިންގުމަށް ދަތިވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އެޗްޑީސީއަށް ދަތިވާ ސަބަބަކީ، އޭގެން އާމްދަނީ ލިބިގެން އަދި އަޅުގަނޑުމެންގެ ކޮމާޝަލް އަދި ދެންހުރި ސާވިސަސް ތަރުތީބުކޮށްފައި އޮތް އިރުގައި، މި އަޅުގަނޑުމެން އެބޭފުޅުންނާ ހަވާލުކުރާ ތަނަކުން ކޮމާޝަލް ލޭންޑްތަކަށް ދޭތެރެ މެދުގެ ހައްލެއް އާދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރީ. އެކަމަކު ކޮމާޝަލީ ބޭނުމަށް ބޭނުންކުރާ އެއްވެސް ލޭންޑެއް އަޅުގަނޑުމެން ދޫނުކޮށް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އެކަން އޮޕްރޭޓް ކުރެވި،" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ހުޅުމާލެ ތަރައްގީކޮށްފައި އޮތީ އެތައް ބައިވަރު ލޯނުތަކެއް ނަގައިގެން ކަމަށާއި ސޮވެރިން ގެރެންޓީދީފައި ހުރި އެތައް ބިންތަކެއް އެތަނުގައި އެބަހުރި ކަމަށެވެ. މުޅި ހުޅުމާލެ ހިންގުމަށްޓަކައި އެޗްޑީސީގެ ބޯޑުން ފާސްކޮށްގެން އާމްދަނީ ލިބޭނެ އެތައް ވަސީލަތްތަކެއްވެސް ގާއިމުކޮށްފައި ހުރިތަނަށް ވުމުން ކުއްލިއަކަށް ކައުންސިލަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތަކެއް ނެތި، އެޗްޑީސީގެ މުނިސިޕަލް ސާވިސްތަކުގެ ޒިންމާ ސިޓީ ކައުންސިލުން ނަގަން ބޭނުން ނުވާ ކަމަށެވެ.

"އެ އެންމެ ބޮޑު ކޮންސާން އަކީ ދާއިމަށް މި ހިދުމަތްދިނުމަށްޓަކައި ބޭނުންވާ ފައިސާ އަޅުގަނޑުމެން ޖެނެރޭޓް ކުރާނީ ކޮންތާކުންތޯ، މިއީ އެންމެ ބޮޑު ސުވާލަކަށް އަދި އެންމެ ބޮޑު ގޮންޖެހުމަކަށް އަޅުގަނޑުމެންނަށް ވެގެން މި އުޅެނީ. އެ ނޫން ހުރިހާ ކަމަކަށް އަޅުގަނޑުމެންނަށް އެއްބަސްވެވޭ،" ނަރީޝް ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ ޖެނުއަރީ ހަތަރެއްގައެވެ. ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް، ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.