ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތް ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާ (ޖީޕީ)ގެ ހިދުމަތް ދިނުމަށް މާލޭގެ ހަ އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތަކެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަށް ކެބިނެޓުން މަޝްވަރާކުރެއްވުމަށްފަހު ކެބިނެޓް ލަފާގެ މަތިންނެވެ.

ރައީސް އޮފީހުން ބުނީ، ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތް ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް ތައާރަފު ކުރުމަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރަން ފެށުމަށާއި ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީ މަޝްވަރާ ކޮށްގެން ސިއްހީ ހިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނޭ ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ރައީސް އިއްޔެ ނިންމެވި ކަމަށެވެ.

އޭގެ އިތުރުން މާލެ ސަރަހައްދާއި ރީޖަނަލް، ސިޓީތަކުގައި ސެންޓަރުތައް ގާއިމުކުރަން ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށާއި އެ ސެންޓަރުތައް ގާއިމުކުރުމުގައި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުން، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ވިހާވެސް އަވަހަށް މާލެ ސަރަހައްދުގައި ގާއިމުކުރުމަށްޓަކައި އަދި މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބަލައި އެ މަސައްކަތް އަވަހަށް ކުރެއްވުމަށްވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.