ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން "ޑަބަލް ޕެންޝަން" ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާ ތެރޭގައި އެކަން ސަރުކާރުގެ އިދާރާތަކަށް ސިޓީއަކުން އަންގައިފައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު، ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއަށް އަމަލު ނުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ފިނޭންސުން ފޮނުވި ސިޓީގައި ވަނީ، އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އުސޫލެއްގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ އުސޫލަށް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.

ފިނޭންސުން ބުނެފައިވާ ގޮތުގައި، އެ ފިޔަވަޅު އަޅަން ނިންމީ ހަރަދު ކުޑަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.