ދަ ހޯކްސް ކުންފުނީގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ އިސް ބޭފުޅުން ހާޒިރުކުރި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި، ފުލުހުން ހާޒިރުކޮށްގެން ކުރިއަށްގެންދާ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން އެއީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވިދާޅުވެ، ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެގޮތަށް ކޮމިޓީ ސިއްރުުކުރަން ފާސްކުރިއެވެ.

ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި، އެ ކުންފުނިން ބުނެފައިވަނީ، ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށް އަމިއްލަ މަންފާ ނެގިކަމަށް ތުހުމަތުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ވަނީ ކ. ތިލަފުށީގައި ހުންނަ "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކޮށްފައެވެ. ސިނގިރޭޓުތައް އެތެރެކުރީ އޮކްޓޫބަރު 24 ވަނަ ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައި ވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ހޯކްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި އެ ކުންފުނީގެ ބައިވެރިވުން ވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން މުވައްޒަފުންތަކެއް ހިންގާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އެ މައްސަލައިގައި ކުންފުނީގެ ފަރާތުން އިދާރީގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

"އެގޮތުން ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވެއެވެ. ކުންފުނިން ވަނީ ތުހުމަތުކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައެވެ." ހޯކްސްގެ ބަޔާނުގައި ބުންޏެވެ.

ހޯކްސް އިން ބުނީ އެފަދަ ޣައިރު ގާނޫނީ އަމަލުކުތަކުގައި އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށާއި ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ، ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ އެ އަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އެތެރޭގެ ކޮންޓްރޯލު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހޯކްސް އިން ބުންޏެވެ.

ހޯކްސް ބޯޓްޔާޑަށް ވަދެ، ފުލުހުން ފުރަތަމަ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި ނަމަވެސް ފުލުހުންނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދީ، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވެ، އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި ބޯޓުޔާޑަށް ވަނުމުގެ ފުރުސަތުދީ، ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.