މިމަހުގެ 15 އިން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 15 އިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިއުމަށް ގަޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ހައްލުވެފައިނުވާތީ، މިވަގުތުވެސް ކޯޓުން މަސައްކަތްކުރަނީ ޝަރީއަތް ކުރާ މާލަންތައް އެކި ގާޒީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމުގައިވާތީ، ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން މި މަސް އެއްކޮށް ރިސެސްއަށް ނިދުއުމަށް ނިންމާފައިވާ ކަމަށެވެ.

"ނަމަވެސް ހުޅުމާލޭގައި ހުންނަ، ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތަށް ކޯޓުގެ މަސައްކަތްތައް ބަަދަލުކުރެވިއްޖެ ނަމަ، ކޯޓުގެ ޖާގައިގެ ދަތި ކަމަށް ހައްލު ލިބި، މައްސަލަތައް އަވަސްވާނެ ކަމަށް ގަބޫލުކުރެވެއެވެ..،" ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުންޏެވެ.

  • 7958 ގަޒިއްޔާގެ އަޑުއެހުން ތާވަލުކުރި
  • 515 ގަޒިއްޔާ ނިންމި
  • 2615 މީހުންގެ ބަންދާ މެދު ގޮތެއް ނިންމި
  • 2043 ތަފާތު އެކި ކޯޓު އަމުރު ދޫކުރި

ކްރިމިނަލް ކޯޓުން ބުނީ ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ބައެއް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަންދު މުއްދަތު ޖެހުމާއި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތްތައް އަދި ގާނޫނުގައި ނުވަތަ ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން ހިމެނެއެވެ.

  • ކޯޓުގެ އިމާރާތް ބަދަލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ތަރުތީބުކުރުން
  • ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް ކުރިއަށްގެންދިއުން
  • ތަފާތު އެކި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތްތައް
  • ހޭބިއަސް ކޯޕަސް އަމުރުތަކާއި މުދާ ދޫކުރުމަށް އެދި ހުށަހަޅާ މައްސަލަތައް
  • ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކާއި ގާނޫނުގައި ނުވަތަ ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން ކުރިއަށް ގެންދިއުން
  • އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދެ އިމާރާތެއްގައި ކޯޓުން މަސައްކަތްކުރަން ޖެހިފައިވާތީ، އިދާރީގޮތުން ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާކުރުމަށްޓަކައި މަސައްކަތްތައް އިންތިޒާމުކުރުމާއި، އެކަމާ ގުޅިގެން އިދާރީ އެސްއޯޕީތަކާއި މުވައްޒަފުންނާ ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުމާއި، އަންނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަން ހުރި މަސައްކަތްތައް ކުރުން