ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އިމާރާތް ކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި އެފްޑީސީން ވަނީ ރާއްޖެއިން ބޭރުގެ ތިން ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި ހަމްދާން ވިދާޅުވީ މާލޭ ސަރަހައްދުގައި ހަދާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރަން ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޭރުގެ އެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެން ކަމަށެވެ.
"ދެ މަސްދުވަހުގެ ތެރޭގައި އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހޯދުމަށް ސަރުކާރަށް ހުށައަޅާނެ. ކުރިއަށްއޮތް ހަތަރު މަސްދުވަހުގެ ތެރޭގައި މަޝްރޫއުތައް އިފްތިތާހްކުރާނެ. ސޯޝަލް ހައުސިން ބޭނުންވާ ކޮންމެ ރަށެއްގައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." ހަމްދާން ވިދާޅުވިއެވެ.
އެފްޑީސީން މިހާރު ކުރިއަށްގެންދާ ހަމައެކަނި މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުއެވެ.
.
އެފްޑީސީއަކީ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން 2019 ގައި އުފެއްދި ކުންފުންޏެކެވެ.
މާލެ އާއި ރަށްރަށުގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގައި 41 ރަށުގައި 12،940 ހައުސިން ޔުނިޓް ހަދަން ފަށައި، މި ދައުރުގެ ތެރޭގައި އެ ތަންތަން ނިންމައި ހަވާލު ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު