ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގުމަށް އިމާރާތެއް ހޯދިގޮތާ ގުޅިގެން އެ އިދާރާއަށް އަމާޒުވަމުންދާ ތުހުމަތުތައް ބަލަން ފަށައިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
އެންސްޕާއިން އޮފީހެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެތަނުގެ ސީއީއޯ ހީނާ ވަލީދަށް ބައެއް ފަރާތްތަކުން ދަނީ ހިޔާނާތުގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އިމާރާތެއް ހޯދުމަށް 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ އެކު އެންސްޕާއިން ކުރިކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ "ވަން" އަށް މިއަދު ވިދާޅުވީ އެންސްޕާގެ މައްސަލަ އޭސީސީގައި ރަޖިސްޓްރީކޮށް އެ މައްސަަލަ ބަލަން ފަށައިފައިވާ ކަމަށެވެ.
"މައްސަލަ ރަޖިސްޓްރީކޮށް އަޅުގަނޑުމެން ވަނީ މިހާރު ބަލަން ފަށައިފައި." ސަމާ ވިދާޅުވިއެވެ.
އެންސްޕާއަށް އަމާޒުވަމުންދާ ހިޔާނާތުގެ ތުހުމަތުތައް ބަލައިދިނުމަށް އެދި އެ އިދާރާއިން ވަނީ އޭސީސީއަށް މިދިޔަ ހުކުރުގައި ސިޓީއެއް ފޮނުވައިފައެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުއްވި ސިޓީއެއްގައި ހީނާ ވިދާޅުވެފައިވަނީ ބައެއް ފަރާތްތަކުން ދަނީ އެންސްޕާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުން ކަމަށެވެ. ހީނާ ވިދާޅުވެފައިވަނީ އެންސްޕާއަކީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުންދާ އިދާރާއަކަށްވުމުން، އެ އިދާރާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދު ޝައްކު އުފެދޭ ގޮތަށް ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ބަލައިދިނުމަށް އެދޭ ކަމަށެވެ.
"މިކަމާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ވީ އެންމެ އަވަހަކަށް ހިންގައިދެއްވައި ރައްޔިތުންނަށް ހާމަކޮށް ދެއްވުމަކީ މިއެޖެންސީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ. ވީމާ، މިކަމާ ގުޅޭގޮތުން ތިޔަ ކޮމިޝަނުން (އޭސީސީން) ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންގޮސް ދެއްވުމަށްފަހު، އެ ރިޕޯޓް ވީއެންމެ އަވަހަކަށް މި އެޖެންސީއާ ހިއްސާކޮށް ދެއްވުމަށް އެދެމެވެ،" ހީނާ ވިދާޅުވެފައިވެއެވެ.
ހަމަ އެ ރޭ އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާ ހިންގުމަށް އިމާރަތެއް ހޯދުމުގެ މުއާމަލާތްތައް ފިނޭންސް މިނިސްޓްރީން ފިޔަވައި އެހެން ފަރާތަކާ އެކު ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީއާ އެކު މުއާމަލާތް ކުރިއަށް ގެންގޮސްފައިވަނީ ގަވާއިދުގެ ތެރެއިން ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ވަނީ އެންސްޕާގެ ނަމުގައި ވަޒީފާއަށް ދީ އެހެން އަމިއްލަ ތަނަކަށް ބޭނުންވާ މުވައްޒަފުން ނަގަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެކަން ދޮގުކޮށް އެންސްޕާއިން ބުނެފައިވަނީ އެ އިދާރާ ހިންގުމަށް މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އެކަމަށް ކަނޑައަޅައިފައިވާ އުސޫލުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ.
އެ އިދާރާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ މީހުންގެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު