ރާއްޖޭގައި ފުރަތަމަ ފަހަރަށް ލިމިޓެއް ނެތް ފައިބަރ ހޯމް ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖްތައް ދިރާގުން ލޯންޗުކޮށްފި އެވެ.

މި ޕެކޭޖުތައް ތައާރަފުކުރީ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ދިރާގުން ރޭ ތައާރަފު ކުރީ ލިމިޓެއް ނެތް 1 ޖީބީޕީއެސް އާއި ލިމިޓެއް ނެތް 400 އެމްބީޕީއެސް އާއި ލިމިޓެއް ނެތް 200 އެމްބީޕީއެސްއާއި ލިމިޓެއް ނެތް 100 އެމްބީޕީއެސްގެ އިތުރުން ލިމިޓެއް ނެތް 30 އެމްބީޕީއެސް އަދި ލިމިޓެއް ނެތް 20 އެމްބީޕީއެސް އެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖަރު، ބްރޯޑްބޭންޑް އެންޑް ޑިވައިސަސް އަހުމަދު އިޝާން ވިދާޅުވީ، އަލަށް ތައާރަފު ކުރި ޕެކޭޖުތަކާ ގުޅިގެން، މިހާރު ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތަޖުރިބާ އިިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ފަރާތްތަކުގެ ޕެކޭޖުތައް މާދަމާއިން ފެށިގެން މިހާރު ހުރި އަގުގައި ދެ ގުނައަށް ސްޕީޑް މަތިކޮށްދޭނެ ކަމަށެވެ.

"ކުރިން 50 އެމްބީޕީއެސް އަންލިމިޓެޑްގައި ހުރި ހުރިހާ ކަސްޓަމަރުންނަށް ދެ ގުނަ އިތުރުކޮށް 100 އެމްބީއެސްއަށް އިތުރު ތަކުލީފަކާއި ނުލައި އަޕްގްރޭޑްކޮށްދޭނަން. މީގެ ކުރިން 100އެމްބީޕީއެސް ޕްލޭނުގައި ހުރި ކަސްޓަމަރުންނަށް ހުރި ކަސްޓަމަރުން 200 އެމްބީޕީއެސްއަށް އިތުރުކޮށްދޭނަން. އަދި 200 އެމްގައި ހުރި ކަސްޓަމަރުން 400 އެމްއަށް އަޕްގްރޭޑުކޮށްދޭނަން." އިޝާން ވިދާޅުވިއެވެ.

އިޝާން ވިދާޅުވީ، އެ އަޕްގްރޭޑަށް އިތުރު ފީއެއް ކަސްޓަމަރުން އަތުން ނުނަގާނެ ކަމަށާއި ކަސްޓަމަރުން ދައްކަން ޖެހޭނީ މިހާރުވެސް ދައްކާ އަގު ކަމަށެވެ.

ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގައި އެންމެ ހަލުވި ސްޕީޑްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވޯކް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، ދިރާގުގެ އިންޓަނެޓް ހިދުމަތް ރާއްޖޭގެ %95 އަށް ވުރެ ގިނަ ގޭބީސީތަކަށް ފޯރުކޮށްދެ އެވެ.