މާލެ ސަރަހައްދުގައި ޕޯސްޓަރުތައް ހަރުކުރަން ވަކި ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ "ޗާލު ވެށި މަގޭ ޒިންމާ" ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ކަރަންޓު ބޯޑުތަކަކީ ސިޔާސީ އެކި ކެމްޕެއިންތަކުގެ އިސްތިހާރު ހިއްޕާ ބޯޑުތަކެއްގެ ގޮތުގައި ބޭނުންކުރުން ނިމުމަކަށް ގެންނަން މަސައްކަތް ކުރައްވާ ކަމަށެވެ.
އެގޮތުން އެ ބޯޑުތަކުގައި އެއްވެސް އެއްޗެއް ހިއްޕުން މަނާކޮށް ޕޯސްޓަރާއި އިސްތިހާރުތައް ހަރުކުރަން ވަކި ތަންތަން ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
"މާލޭގެ އެއްވެސް ތަނެއްގައި ޕޯސްޓަރު ނުހިއްޕޭ ގޮތަށް ހަދަން މަސައްކަތްތަކެއް އެބަ ކުރަން. އޭގެ ބަދަލުގައި ޕޯސްޓަރު ހިއްޕޭނެ ގޮތަށް ވަކި ތަންތަން ފާހަގަކޮށް އެކަމަށް ވަކި ޕްރޮސީޖާތަކެއް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިގަނެގެން ކުރިއަށް އެބަ ގެންދަން،" މޭޔަރު ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުގެ ހުއްދަ ނުހޯދައި އޮފީސް އިމާރާތްތަކާއި މާލޭ ސަރަހައްދުގެ ގެތަކުގައިވެސް ޕޯސްޓަރު އަދި އިސްތިހާރު ހިއްޕުން މަނާކޮށް، އިސްތިހާރު ހިއްޕުމަށް މަގުމަތީގައި ހުންނަ ބޮކިތަކުގައި ޑިޖިޓަލް ބޯޑުތައް ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެ ބޯޑުތަކުގައި އިސްތިހާރު ދެއްކޭނެ ވަކި މުއްދަތުތަކެއް ކަނޑައަޅައި، ގިނަ މީހުންނަށް އެ ބޯޑުތައް ބޭނުންކުރެވޭނެ ނިޒާމެއް ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު