ރާއްޖޭގެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެއެވެ.
ރިއަލް ޓައިމްކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ކޮލިޓީގެ މައުލޫމާތު ހާމަކުރާ އެއާ ކޮލިޓީ އިންޑެކްސް ''އޭކިއުއައި'' އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި އެ މިންވަރު މިހާރު ހުރީ ނުރައްކާ މިންވަރަކަށް ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ވައިގެ ކޮލިޓީ މައުލޫމާތު ލިބެން ހުންނަނީ ށ. ފުނަދޫ އާއި މާލޭގެ އިތުރުން ވިލިމާލެ އާއި ފުވައްމުލައް ސިޓީންނެވެ.
ރާއްޖޭގެ ސަރަހައްދުތަކުގެ ތެރެއިން ވައިގެ ނިސްބަތް އެންމެ ނުރައްކާވެފައިވާ ކަމަށް ދައްކަނީ ވިލިމާލެ ހިމެނޭ ސަރަހައްދަށެވެ. އެގޮތުން ވިލިމާލޭގައި ވައިގެ ނުސާފު މިންވަރު ހުރީ 155 ގައެވެ.
އެއާ ކޮލިޓީ އިންޑެކްސްގެ ލެވެލްގައި ހުރި މިންވަރުން ބަލާއިރު 155 ގައި ވައިގެ ނުސާފުމިން ހުންނަނަމަ ހާއްސަ ބަލިތައް ހުންނަ މީހުން ސަމާލުވާން ޖެހޭނެއެވެ. އެގޮތުން އެފަދަ މީހުން މާސްކު އަޅައިގެން ބޭރުގައި އުޅުމަށް ވަނީ ލަފާދީފައެވެ.
އެއާ ކޮލިޓީ އިންޑެކްސް ''އޭކިއުއައި''ގައި ވައިގެ ކޮލިޓީ ބަލަނީ ހަތަރު މިންގަނޑަކަށެވެ. އެގޮތުން 0 އާއި 50 އާއި ދެމެދު ހުންނަ ނަމަ އެއީ ވައި ސާފުވުމެވެ. 51 އާއި 100 އާއި ދެމެދު ނަމަ އެއީ ވައިގެ ނުސާފުމިން ހުރީ މެދުމިނެއްގައި ކަމެވެ.
އެ މިންގަނޑު 101 އާއި 200 އާއި ދެމެދު ނަމަ އެއީ ވައި ނުސާފުވެފައިވުމެވެ. އެ ނިސްބަތް 201 އާއި 300 އާދެމެދުގައި ހުންނާނީ ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުންނެވެ. އަދި 301 އާއި 500 އާއި ދެމެދު ނަމަ އެއީ އިންސާނުންނަށް އެންމެ ނުރައްކާތެރި މިންގަނޑެވެ.
ޚަބަރު
ޚަބަރު
ޚަބަރު