(22 ނޮވެމްބަރުގެ އަދަދާ ގުޅޭ)

މައިންބަފައިންގެ ޙައްޤު އަދާކުރުމާއި އެބައިމީހުނާމެދު ރިވެތި ޚުލުޤުން އަޚްލާޤު ބެހެއްޓުމުގައި ހިމެނޭ އެއްކަމަކީ އެބައިމީހުންގެ މާލީ ބޭނުންތައްވެސް ފުއްދައިދިނުމެވެ. ނުފުދުންތެރިކަމުގެ ތެރެޔަށް އެބައިމީހުން ދޫކޮށް ނުލުމެވެ. ނަބަވީ ދައުރުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އާ ޞަޙާބީން ސުވާލުކުރެއްވިއެވެ. މައިންބަފައިންނަށް ކުރާންޖެހޭނީ ކޮންކޮން ޚަރަދުތަކެއްތޯއެވެ. ކިހައިވަރަކަށްތޯއެވެ. ޖަވާބު ދެއްވައިފައިވަނީ ޚަރަދުކުރާން ޖެހޭކަންކަމާއި މިންވަރު ކަނޑައެޅުއްވުމަކާ ނުލައެވެ. ދެއްވައިފައިވަނީ އެބަޔެއްގެ މައްޗަށް ޚަރަދުކުރާންޖެހޭ މީހުންގެ މަޢުލޫމާތެވެ. އެ ލިސްޓުގައި އެންމެ ކުރީގައިވަނީ މައިންބަފައިންގެ ނަމެވެ.

"މީސްތަކުން، އެއުރެން ހޭދަކުރާންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރާންވީ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ހާލުގައި ޖެހިފައިވާ) ދަތުރުވެރީންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، اللّــــه މޮޅަށް ދެނެވޮޑިގެންވެއެވެ." (الــبـقــــــرة: 215)

ޢާންމުގޮތެއްގައި މީހުންނަށް އެނބުރިގަނެވެނީ ތިމާގެ އަނބިދަރީންނަށް ޚަރަދުކުރުމާއި ނަފަޤާތްދިނުމާ ދިމާޔަށެވެ. ބައެއްމީހުން ހީކުރަނީ މައިންބަފައިންނަށް ޚަރަދުކުރުމަކީ އިތުރު ބުރައެއް ކަމުގައެވެ. މައިންބަފައިންނަށް ޚަރަދުކުރާން ވެއްޖެކަމުގައިވާނަމަ ތިމާމެންގެ މުދާ މަދުވެ އަތްމަތި ދަތިވެދާނެކަމުގައެވެ. އެހެންކަމުން އިސްލާމްދީން ވަނީ އެކުށްހީ ދުރުކޮށްފައެވެ. މައިންބަފައިންނަށް ޚަރަދުކުރުމަކީ އަތްމަތި ތަނަވަސްވެ ރިޒުޤު އިތުރުވާނެ ކަމެއްކަމުގައި ޚަބަރު ދީފައެވެ.

أنــس بــــن مــالــك رضــــى اللّــــه عـــنــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ.

"ތިމާގެ ޢުމުރު ދިގުވެ ރިޒުޤު ތަނަވަސްވުން އެދޭމީހާ ތިމާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. އެމީހެއްގެ ގާތްތިމާގެ މީހުންނާމެދު ރިވެތި ގޮތުގައި މުޢާމަލާ ކުރާށެވެ." (مُسْــنَــدُ أحمـــد)

جـــابــــــر بـــن عـبــد اللّــــه رضـــــى اللّــــه عــنــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް އޭނާގެ ބައްޕަގެ ޝަކުވާ ކުރިއެވެ. އޭނާ ދެންނެވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އަޅުގަނޑުގެ އަތުގައި ކޮންމެވެސްވަރަކަށް މުދާ އެބަހުއްޓެވެ. އެކަމަކު އަޅުގަނޑުގެ ކުދީންވެސް އެބަތިއްބެވެ. އަޅުގަނޑުގެ ބައްޕަ ބޭނުންވަނީ އަޅުގަނޑުގެ މުދާ ޚަރަދު ކުރާށެވެ. އަޅުގަނޑު ހަދާނީ ކިހިނަކުންތޯއެވެ؟ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ.

"ތިބާއާއި ތިބާގެ މުދަލަކީ ތިބާގެ ބައްޕަގެ ތަކެއްޗެވެ." (سُـنَـــنُ إبـــن مــاجـــه كــتــاب الـتّـجــارة: 2291)

މި ޙަދީސުފުޅުގެ ބައެއް އެހެނިހެން ރިވާޔަތްތަކުގައި އިތުރު ތަފްސީލު ގެނެސްދެއްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުގައި އެ ދަރިފުޅު ޝަކުވާކުރުމުން އޭނާގެ ބައްޕަ ބަލައިފޮނުއްވައިގެން ގެންނަވައި ސުވާލު ކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އޭނާއަށް ދަރިފުޅުގެ ޝަކުވާ ވިދާޅުވެދެއްވިއެވެ. އެހިނދު ބައްޕަ ރޮއިރޮއިފައި އޭނާގެ ހިތާމަވެރި ވާހަކަ ދެންނެވިއެވެ. އޭނާ ދެންނެވިއެވެ. މި ޒުވާނާއަކީ އަޅުގަނޑުގެ ދަރިޔެކެވެ. މީނާ ބަލައިބޮޑުކުރީ އަޅުގަނޑެވެ. އެކަމަށްޓަކައި އަޅުގަނޑު ބުރަ އުފުލައި މަސައްކަތްތަކެއް ކުރީމެވެ. އަޅުގަނޑުގެ މަސައްކަތުގެ އާމްދަނީން ޚަރަދުކުރީއެވެ. އެހެންވީއިރު މި ދަރިފުޅުގެ އާމްދަނީން އަޅުގަނޑުގެ ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންވާ މިންވަރު ނެގުމުގެ ޙައްޤެއްވެސް ނެތީތޯއެވެ؟ ރާވީ ވިދާޅުވާގޮތުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އަށް އޭނާގެ ހިތާމަވެރި ވާހަކަތައް އަޑުއިވިވަޑައިގެންނެވުމުން ފެންކަޅިފުޅުވިއެވެ. (تــفسيـــرقـــرطـبــــى، تــفسيـــر ســـــورة ألإســـــراء، އާޔަތް: 23)

أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى اللّــــه عــنـــهـــا ގެ އަރިހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ އެހެން ޙަދީސުފުޅެއްގައި ވާރިދުވެފައިވެއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް އެއްދުވަހަކު އައިމީހަކު ދެންނެވިއެވެ. "އަޅުގަނޑުގެ ކަފާލަތުގައި ކުއްޖަކު ހުރެއެވެ. އަޅުގަނޑަށް އޭނާގެ މުދަލުން ކައިބޮއިހެދުން ހުއްދަވާނެތޯއެވެ؟" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ޖަވާބު ދެއްވިއެވެ.

"މީހަކު ކައިއުޅޭނެ އެންމެރަނގަޅު އެއްޗަކީ އޭނާގެ މަސައްކަތުން ލިބިގެން ކައިއުޅޭ ތަކެއްޗެވެ. އޭނާގެ ދަރީންނަކީވެސް އޭނާގެ މަސައްކަތުން ހޯދި އެއްޗެކެވެ." (سُـنَـــنُ أبـــى داؤد كـتــاب الـبـُــيـُـوع، بــاب الــرجــل يــاكــل مــن مــال ولــده، 3528، سُـنَـــنُ نسائــى، 4449، سُـنَـــنُ ابــن مــاجــة، 2290) ނަސާއީ

عــلاّمــــة شـــوكــانــــى މި ޙަދީސުގެ ޝަރަޙައިގައި ލިޔުއްވައިފައިވެއެވެ. މި ޙަދީސުން އެނގޭގޮތުގައި ބައްޕަޔަކީ އޭނާގެ ދަރިފުޅުގެ މުދަލުގެ ބައިވެރިޔެކެވެ. އެހެންކަމުން އޭނާއަށް އޭނާގެ ދަރިފުޅުގެ މުދަލުން ބޭނުންކުރުން ހުއްދައެވެ. ދަރިފުޅު ހުއްދަދިން ކަމުގައިވިޔަސް ނުވިޔަސްވެހެވެ. އެކަމަކު ޚަރަދުކުރާންވާނީ ޒަރޫރަތު ލާޒިމުކުރާ މިންވަރަކަށެވެ. އެއްވެސް ބަލައިލުމެއްނެތި ތަޅައި ބުރުއްސައިގެން ނުވާނެއެވެ." (شـــوكــانــــى نـيــل الأوطــار: 5/391)

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި އެބައިމީހުންގެ މަޢީޝީ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. އެވަރަކުން ނުފުދެއެވެ. ޢާންމުގޮތެއްގައި ޢުމުރުން ދުވަސްވެފައިތިބޭ މީހުންގެ މަޢީޝީ ބޭނުންތައް ވަރަށް މަދެވެ. އެމީހުން އެންމެ ބޭނުންކަމަކަށްވާނީ ކޮންމެވެސް މީހަކު އެމީހުނާއެކު ވަގުތުކޮޅެއް ހޭދަކުރުމެވެ. އެމީހުންނާ ވާހަކަ ދައްކައިލުމެވެ. އެމީހުންގެ ވާހަކަތަކުގެ އަޑުއަހައިލުމެވެ. އެމީހުނާމެދު ހަމްދަރުދީ ފާޅުކޮށް އަމިއްލަވަންތަކަމާއި ގާތްކަމާއި ލޯބި ފާޅުކުރުމެވެ. އެމީހުންގެ ތަކުލީފުތައް ދުރުކޮށްދީ އެމީހުންނަށް އަރާމު ހޯދައިދިނުމެވެ. އިސްލާމްދީނުގެ ޖުމުލަ އުނގަންނައިދިނުންތަކުން މިދާއިރާއަށްވެސް އަލިކަން ލިބެއެވެ.

އިސްވެދިޔަތާނގައިވަނީ ســـــورة ألإســـــراء ގެ ތޭވީސްވަނަ އާޔަތަށްވެސް ޙަވާލާދެވިފައެވެ. އެ އާޔަތުގެ ބައެއްކަމުގައިވާ (إِمَّــا يـَبـْـلُــغَــــنَّ عِــنـْـدَكَ الْـِكـبــَــرَ أَحَـــدُهُمــَـا أَوْ كِــلاَهُمــَـا.....) މިބައިގައި ހިމެނޭ ލަފުޒެއްކަމުގައިވާ عِــنـْـدَكَ (ތިބާގެ ގާތުގައިތިބެ) މިބަސްފުޅުން އިޝާރާތް ލިބެނީ މައިންބަފައިންގެ ގާތުގައި ތިބުމުގެ ތަދުބީރުތަކެއް އިޚްތިޔާރު ކުރުމަށެވެ. އެބައިމީހުންގެ ގާތުގައި ކޮންމެވެސް މިންވަރަކަށް ވަގުތު ހޭދަކުރާން ޖެހޭނެކަމަށެވެ.

މައިންބަފައިންނާ ބެހޭގޮތުން އިސްލާމްދީން އުނގަންނައިދީފައިވާ އުނގަންނައިދިނުންތަކުގެ ސަބަބުން މުސްލިމް ވެރިކަމުގެ އެއްވެސް ދައުރެއްގައި މުސްލިމުންގެ މަނަސް ހިނގި އެއްވެސް ތަނެއްގައި މައިންބަފައިންގެ ޙައްޤުތަކާމެދު ޣާފިލުވެ އެބައިމީހުންނާމެދު އިހްމާލުވެ ބޮލުން ނައްޓައިލެވިފައެއް ނުވެއެވެ. އެހެންކަމުން އެއިން އެއްވެސް ތަނެއްގައި އެއްވެސްއިރަކު މުސްކުޅީންގެ ހިޔާވަހިކަމުގެ މަރުކަޒުތައް ޢިމާރާތްކުރާކަށެއް ނުޖެހެއެވެ. އުންމަތް ބޮލާއަޅައިފައިވާ މި ދައުރުގައިވެސް އެފަދަ އިދާރާތަކުގައި މުސްލިމުންގެ އިންސައްތަ ވަރަށް ކުޑައެވެ.

އިންޑިޔާގޭ އޯލްޑް އޭޖު ހޯމްސްގެ 1995 ގެ ސާވޭއެއްގައިވާގޮތުން އިންޑިޔާގެ 529 އޯލްޑް އޭޖު ހޯމްސްގެ ތެރޭގައިހުރީ މުސްލިމުން ހިންގާ އެންމެ ތަނެކެވެ. ކެރެލާގެ ކޯޅީކޯޑުގައިހުރި ގެއެކެވެ. މިދެންނެވި ސާވޭގައި ވާގޮތުން އިންޑިޔާގެ އޯލްޑް އޭޖުސް ހޯމްތަކުގައި 3015 މީހުން ތިބިއިރު މުސްލިމުންގެ ތިބީ އެންމެ ސައްބީސް މީހުންނެވެ. އެގާރަ ފިރިހެނުންނާއި ފަނަރަ އަންހެނުންނެވެ.

ނިންމައިލަމުންވެސް ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ އިސްލާމީ އުނގަންނައިދިނުންތަކާއެކުވެސް އޯލްޑް އޭޖު ހޯމްތައް ހަދައި ހިންގުމަކީ އިސްލާމްދީން އެއްވެސްވަރަކަށް ދެކޮޅުހަދާ ކަމެއް ނޫނެވެ. މާތް اللّــــه ގެ ޚަލްޤުތަކުންނަށް ޚިދުމަތްކުރާ އެއްވެސް ތަނެއް ހަދައި ހިންގުމަކީ އިސްލާމްދީން އެކަމެއްކުރާ ބަޔެއްގެ ހިތްމަރައިލައި ހިތްވަރު އެލުވައިލާން އެދޭކަމެއް ނޫނެވެ.

މި މަޒުމޫނުގެ ފެށުމުގައިވެސް ދަންނަވައިފައިވާ ފަދައިން މީހަކު މުސްކުޅި ޢުމުރަށްދާއިރު ސަހަރޯވެރިޔަކު ނެތިހިނގައިދާނެއެވެ. ވާވެރީން ތިބިކަމުގައިވިޔަސް ތަފާތު ސަބަބުތަކާހުރެ އެބައިމީހުންގެ އެހީތެރިކަން ނުލިބި ހިނގައިދާނެއެވެ. އެހެންކަމުން އެފަދަ މީހުނާ އަޅައިލައި ބެލެހެއްޓުމަކީ މުޖްތަމަޢުގެ ނުވަތަ ދައުލަތުގެ މަސްއޫލިއްޔަތަކަށް ވެދާނެއެވެ. އެހެންކަމުން އެ އައިތަވެރި ޚިދުމަތަށްޓަކައި އިދާރާތައް ހެދުމާއި ހިންގުންވާނީ އިސްލާމްދީން ރުހުމުގެ ލޮލުން ބަލާކަމަކަށެވެ. އައިތަރިދަ ކަމެއްކަމުގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އިރްޝާދު ދެއްވައިފައިވެއެވެ.

"خيـــــر الــنّـــاس أنــفــعــهــــم لـلـنّــاس"

މީސްތަކުންކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ އެމީހެއްގެ ފުށުން އެހެންމީހުންނަށް އެންމެބޮޑަށް މަންފާކުރާ މީހާއެވެ. (عـبــدالـــرؤف الـمــنـــاوي، فـيـض الــقــديــــر شـــرح الجـــامــع الـصّـغــيـــــر: 3/481)

(ނިމުނީ)