ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމުގައި ދިވެހިން ސާބިތުކަމާ އެކު އަބަދު ވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމަށެވެ.

ފަލަސްތީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި ބޭއިންސާފާއި ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބުމުގެ އަޒުމު ވަރުގަދަކޮށް، އެ އަޒުމު އާކޮށްދޭ ދުވަހެއް ކަމަށެވެ. އެ ރައްޔިތުންނާ މެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ތާރީހުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވެ، އެގައުމެއްގެ ސިޔާސީ ވިސްނުމާއި އިގުތިސޯދީ ބާރުގެ ބޭނުން ހިފުމަށް ގޮވާލައްވައިފައެވެ. އަދި ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުގައި އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަދާކުރަމުން އަންނަ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރިހާ ގައުމުތަކުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި އިންސާނީ އެހީގެ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ޖަރީމާތަކަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫން ކަމަށެވެ. އެއީ އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ގައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ ކަމުގައި ރާއްޖެއިން ގަބޫލުކުރަން. އަދި ފަލަސްތީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ އަޅުގަނޑުމެންގެ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެން ނެތް ކަމެއް. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށް ނުޖެހި، ދިވެހީން ދެމި ތިބޭނެކަމުގެ ޔަގީންކަން ވެސް އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިމައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށެވެ.