މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު އަންނަ މަހުގެ 15 އާ ހަމައަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ދައުރު އިތުރުކުރަން ހުށަހަޅުއްވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.
ދައުރު އިތުރުކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ދައުރު އިތުރުކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ އެންމެ ފަހު ދައުރު ކަމަށްވާ، މި ހިނގާ ތިންވަނަ ދައުރު ހިނގާނީ މިމަހުގެ 30 ގެ ނިޔަލަށް ކަމަށް މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން މި ހިނގާ ދައުރު އަންނަ ޑިސެމްބަރުގެ 15 އާ ހަމައަށް އިތުރު ކުރަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ މި ދައުރުގައި ވެސް މަޖިލީހަށް މުހިއްމު ބިލްތަކެއް ހުށަހަޅާފައިވާ އިރު، ކުރިއަަށް މިއޮތް ދެ ހަފުތާގެ ތެރޭގައި ވެސް މަޖިލީހަށް މުހިއްމު ބިލްތަކެއް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު