ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހަށް ތަޖަކިސްތާނަށް ދެވޭ ގޮތް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އާއި ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ނިއުޔޯކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. ތަޖިކިސްތާން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު، މިހާރުވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރު ކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެ ކަމަށެވެ.