ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ކުޅިވަރު ފަންޑަކީ ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭން ތަންފީޒުކުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.
ރާފިއު އެހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީތައް އާންމުންނާ ހިއްސާކުރުމަށް ޕީއެސްއެމް އިން ގެނެސްދޭ "ހަފުތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ރަނގަޅު ދިމާލަށް އިންވެސްޓް ކުރުން މުހިއްމު ކަމަށާއި، ރަނގަޅު ހާލަތާއި ވަގުތުގައި، ރަނގަޅު ތަޖުރިބާގެ ބޭނުންކޮށްގެން އިންވެސްޓް ކުރުމަށް ކުޅިވަރު ފަންޑު މުހިންމު ކަމަށެވެ.
"ގައުމީ ކުޅިވަރު ފަންޑަކީ ކުޅިވަރު ކުރިއެރުވުމަށް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް. ދުރު ރާސްތާ ޕްލޭނުގައި ހިމެނޭ ތަފްސީލީ މަސައްކަތްތައް ކުރުމަށް އެންމެ މުހިންމު އެއް ކަންތައް އެއީ. އެކަން ކުރުމަށްފަހު އަޅުގަނޑުމެން މެޑަލް ކެޕޭބަލް އެތުލީޓުން ދެނެގަނެ، އެ އެތުލީޓުންނަށް ދޭން ޖެހޭ ސަޕޯޓާއި، އެސޯސިއޭޝަނަށް ދޭން ޖެހޭ އެއްބާރުލުން ދީ ކަންކަމަށް މަގުފަހިކޮށްދިނުމުގައި ވަރަށް ބޮޑަށް އެހީތެރިކަން ދެވޭނެ. އެ ދޭން ޖެހޭ ވަގުތުގައި، އެ އެހީތެރިކަން ދޭން ޖެހޭ މީހުންގެ ތަޖުރިބާވެސް ބޭނުންކޮށްގެން،" މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ކުޅިވަރު ފަންޑެއް އުފައްދަވަން ނިންމަވައި އެކަން އިއުލާނުކުރެއްވި ނަމަވެސް، އަދި ތަފްސީލު ދެއްވައިފައެއް ނުވެއެވެ. އެހެންނަމަވެސް ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން މަސައްކަތްކުރާ އިސްލާހުގެ ފުރަތަމަ ކިޔުމުގައި، ކުޅިވަރު ފަންޑު ގާނޫނީ އިމަކަށް ފައްތައި، އެކަން ކުރިއަށްގެންދާނެ ގޮތްތައް ވަނީ ހިމަނައިފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ބިލުގައި ހިމަނާފައިވަނީ ކުޅިވަރު ގާނޫނުގެ 35 ވަނަ މާއްދާގެ ފަހަތަށް އަށް މާއްދާ އިތުރުކުރުމަށެވެ. އެއީ ކުޅިވަރު ފަންޑެއް އޮންނަންވާނެ ކަމަށްބުނެ އިތުރުކުރަން ނިންމާފައިވާ އަށް މާއްދާއެވެ.
އެގޮތުން ގާނޫނު އިސްލާހުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޅިވަރު ފަންޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރަން ބިލުގައި ހިމަނާފައިވާ އިރު، އެ ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި ރާއްޖޭގެ ކުޅިވަރަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމާއެކު، ކުޅިވަރުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ގާނޫނު ހުއްދުކުރާ ގޮތަކަށް ކުޅިވަރުގެ ފައިސާ ހަރަދުކުރުމެވެ.
ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމަށް ބަލާ އިރު، އެ ފަންޑަށް ފައިސާ ވަންނާނެ ގޮތްތައްވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާއާއި މުބާރާތްތަކާއި ހަރަކާތްތަކުން ލިބޭ ފައިސާގެ އިތުރުން ވަސީލަތްތަކުން ހޯދޭ ފައިސާވެސް ހިމެނެއެވެ. އަދި ސްޕޮންސާޝިޕް ފައިސާއާއި ބޭރުން ލިބޭ ހިލޭ އެހީ، އިންވެސްޓަރުންގެ ފައިސާވެސް ފަންޑަށް ވަންނާނެ ކަމަށް ބިލުގައި ހިމެނެއެވެ.
ކުޅިވަރު ފަންޑާ ގުޅޭ ކަންކަން ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން ފަންޑުތަކާ ވަކިން ކަމަށްވެސް ބަޔާންކޮށްފައިވާ އިރު، ފަންޑާ ގުޅޭ ކަންކަން ހިންގަން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކަންތައްތަކެއް ފުރިހަމަކުރަންވެސް ހިމަނާފައިވެއެވެ. އެއީ އިދާރީ މަސައްކަތްތަކަށެވެ.
ފައިސާ ހަރަދުކުރެވޭނެ ކަންކަންވެސް ބިލުގައި ހިމަނާފައިވާ އިރު، އޭގެ ތެރޭގައި ފަންޑު އިތުރުކުރުމަށް އިންވެސްޓް ކުރުމާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން އެކުލަވާލަން ޖެހޭ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގެ ދަށުން ހަރަދުތައް ކުރުން ހިމެނިފައިވެއެވެ.
ގައުމީ ކުޅިވަރު ފަންޑުގެ ހުރިހާ ކަމެއް ބަލަހައްޓަން ނިންމާފައިވަނީ ސްޕޯޓްސް މިނިސްޓްރީންނެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު