ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިތުރުން ސާޖަންޓް އެޓް އާމްސް މޭޖާ ރިޓަޔާޑް ތޮލްހަތު ހަސަން އެ މަގާމުގައި ބައިތިއްބަން ފެނޭތޯ މިއަދު ވޯޓަށް އައްސަވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ ދެ ދަައުރު ނިމުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާއްމުގެ މަގާމާއި ކައުންސެލް ޖެނެރަލްގެ މަގާމާއި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މަޖިލީހުން މީހުން އައްޔަންކުރަންވާނެ ކަމަށް މަޖިލިސް ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން 19 ވަނަ މަޖިލީހުގައި އަމަލުކޮށްފައިވާ ގޮތަށް، މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމާމެދު މަޖިލީހުގައި ވޯޓަށް އެހުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. 2012 ވަނަ އަހަރުން ފެށިގެން އަމީން އާންމުގެ ނައިބުކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި ނިއުޝާ އަމީން އާއްމުކަމުގެ މަގާމު ފުރުއްވަން ފެއްޓެވީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އަދި މުހައްމަދު ހަލީމު ސާޖަންޓް އެޓް އާމްސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް، ތޮލްހަތު ހަސަން އައްޔަންކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 31 އޮކްޓޯބަރު 2013 ގައެވެ. އެ މަގާމު އުފެއްދީއްސުރެ ތޮލްހަތު އެ މަގާމަށް އައްޔަން ކުރައްވަންދެން މަގާމުގައި ހުންނެވީ ހަލީމެވެ. އެ މަގާމު ހުސްވީ ގިނަ ދުވަސްތަކަކަށް އޭނާ މަގާމުން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު، 24 އޯގަސްޓް 2022 ގައި މަޖިލީހުން ވޯޓު ނަގައިގެން އޭނާ މަގާމުން ވަކިކުރުމުންނެވެ.
އޭރު އޭނާ ސަސްޕެންޑް ކުރީ މަޖިލީހުން އޭނާގެ މައްސަލައެއް ބަލަމުންދާތީއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު