ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ)ގެ ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑް މޯލްޑިވްސް ކުންފުނިން ލ. އަތޮޅުގައި ތަރައްގީކޮށް ހިންގަމުން އަންނަ ރަހާ ރިސޯޓް ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮށްފައިވާ އިއުލާން ފަސްކުރުމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ރަހާ ރިސޯޓަކީ ލ. އަތޮޅު، ފަރެސް، ކުޑަފަރެސް އަދި ބޮޑުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ބީއެމްއެލް އިން ރަހާ ރިސޯޓް ވިއްކާލުމަށް އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ 27 ގައެވެ. ސިވިލް ކޯޓުން ވަނީ އެ ރިސޯޓް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ލިބިގެންވާ ކަމަށް ހުކުމްކޮށްފައެވެ.

ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ތިން ގޮތަކަށް ބިޑު ކުރެވޭނެ ކަމަށެވެ. އެއީ ފަރެސް އަދި ކުޑަ ފަރެސްއަށް ވަކިން، ބޮޑުހުރާއަށް ވަކިން އަދި ތިން ރަށް އެކުގައި ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. ބިޑް ފެށޭނެ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރު ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރުއެވެ.

ބީއެމްއެލްގެ އެ އެ އިއުލާނާ ގުޅިގެން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން މި މަހު 19 ގައި ހައިކޯޓަށް ހުށަހެޅިއެވ.ެ

އެ ހުށަހެޅުމާއި ގުޅިގެން ހައިކޯޓުން އިއްޔެ ނެރުނު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުގައި ވަނީ "ރަހުނު ވިއްކާލުމުގެ ހުއްދަ" އިސްތިއުނާފަށް ހުށަހަޅައި، އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހެވީލޯޑުގެ ފަރާތުން އެދިފައިވާ ސަބަބުތަކަށް ރިއާޔަތްކުރި އިރު، އަދި ސިވިލް ކޯޓުން އެ މައްސަލައިގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނީ މުދާ އަގުކުރުމަކާ ނުލައިކަން ބަޔާންކޮށްފައިވާތީ އެ ހުއްދަ ބާތިލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެހެންވެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް ހައިކޯޓުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން އެ ގަޒިއްޔާއަށް ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުން، ބީއެމްއެލްއަށް ދީފައިވާ "ރަހުނު ވިއްކާލުމުގެ ހުއްދަ" ތަންފީޒުކުރުން ފަސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ.