އާސަންދަ މެދުވެރިކޮށް ބޭސް ނެގުމަށް ފޯނުތަކަށް އަލުން ޑިސްޕެންސް ކޯޑު ފޮނުވަން ފެށުމަށް އާސަންދަ ކުންފުނިން ނިންމައިފިއެވެ.

އާސަންދައިން ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ސްކީމުގެ ދަށުން ބޭސް ދޫކުރާ އިރު، ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން އަލުން ފަށާނެ ކަމަށެވެ.

ބޭސް ނަގަން އަންނަ ފަރާތުން އައިޑީ ކާޑު ދެއްކުމަށްފަހު ފޯނު ނަންބަރު ދިނުމުން، އެ ނަންބަރަށް ޑިސްޕެންސް ކޯޑު ފޮނުވާނެ ކަމަށާއި ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ އެ ކޯޑު އާސަންދަ ޕޯޓަލްއަށް އެންޓާ ކުރުމަށްފަހު ކަމަށް އާސަންދައިން ބުންޏެވެ.

އެގޮތަށް ހަމަޖައްސާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން އެންސްޕާގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިމަހުގެ 19 ގައި ބޭއްވި ބައްދަލުވުމުގައި، އާސަންދައަށް ބިލުކުރާ އިރު، ފާމަސީތަކުން އިންތިހާއަށް ބޮޑު އަގު ޖަހާ މައްސަލަ ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވަނީ، ބަލްކު ޕްރޮކިއުމެންޓްގެ ދަށުން ބޭހުގެ އަގުހެޔޮ ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ބޭސް އަގުހެޔޮކުރުމަށް ބޭހުގެ ލިސްޓަށް ގެނައި ބަދަލު ގިނަ ފާމަސީތަކަކުން ބަލައިގަނެފައިނުވާ ކަމަށާއި އެއަށް އަމަލުކުރަމުން ވެސް ނުދާ ކަމަށް ވެސް ހީނަ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ރައްޔިތުންގެ އަތް ނުފޯރާ ފަށުގައި ކަމަށާއި އެގޮތުން ސަރަހައްދީ ގައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގައި ބޭހުގެ އަގު 15 ގުނަ ބޮޑުކޮށް ވިއްކަމުންދާ ކަމަށެވެ. އެއީ 300 އިންސައްތައާއި 4000 އިންސައްތައިގެ ފައިދާ ލާފައިކަން ހީނާ ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ 27 ގައި ސަރުކާރުން ވަނީ އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގު ކޮންޓްރޯލުކުރުމަށް ނިންމައިފައެވެ. އެކަމުގެ ސަބަބުން އަހަރަކަށް ގާތްގަނޑަކަށް 220 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންސްޕާ އިން ބުނެއެވެ.