އިޒްރޭލުން ގައްޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ މަސައްކަތް އަވަސް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ކަމާބެހޭ ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
މި ބިލްގެ މަސައްކަތް ކޮމެޓީގައި ފެށީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އެ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ފާސްކުރީ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް އެ މަސައްކަތް އަވަސް ކުރުމަށް ކަމަށް ވިދާޅުވެ 241 ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ބިލް ދިރާސާ ކުރުމަށްޓަކައި، ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ފަރާތްތަކަށް، އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް ސިޓީ ފޮނުވައި އެމީހުން ފޮނުވާ ޖަވާބެއްގެ މައްޗަށް ބެލުމަށްފަހު، ކޮމިޓީއަށް އެމީހުން ހާޒިރުކޮށްގެން ކުރިއަށް ގެންދާ ގޮތަށް އޮތުމުން ބިލްގެ މަަސައްކަތް ލަސްވާ ކަމަށެވެ.
ނަމަވެސް ބިލް އަވަސްކުރުމަށް ގޮތެއް ނިންމުން އޮތީ މީގެކުރިން ކޮމިޓީން ފާސްކޮށްފައި އޮތް ގޮތް ބަދަލުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ބިލްގެ މަސައްކަތް އަވަސްކުރަން އޮތް ވިސްނުމަކީ، ބިލް ދިރާސާ ކުރުމަށް ޓަކައި ކޮމިޓީއަށް ހާޒިރުކުރަން ލިސްޓް ކޮށްފައިވާ ފަރާތްތައް މާދަމާއިން ފެށިގެން ހާޒިރުކުރަމުން ގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.
މުގައްިރރުގެ އެ ހިޔާލާއެކު، މާދަމާއިން ފެށިގެން ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެބްބަރު އަބުދުﷲ ޝަރީފް އެވެ. އެ ހުށަހެޅުން ފާސްވުމާ ގުޅިގެން މާދަމާ ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދަން މުގައްރިރު ނިންމެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު