ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަ ކުރައްވައި، ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، އެއީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އޮނިގަނޑާވެސް ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އެހެންކަމުން އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާއިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ އެ އިސްލާހު ހިލާފުވާކަމަށް އަލީ ހުސެއިން ވިދާޅުވާއިރު، ގާނޫއަސާސީގެ ހަތަރު ވަނަ މާއްދާގައި ރައްޔިތުންގެ ބާރު ކަމަށް ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ގާނޫނު އަސާސީގެ ސިޔާދަތު ބަޔާންކޮށްފައިވާ، 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނު އަސާސީގައި ވާގޮތުގެ މަތީން ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ބަޔާންކޮށްފައިވާ 26 ވަނަ މާއްދާގައި ބުނަނީ މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެން ވާ ކަމަށެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާތުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގު، މިފަދަ ވޯޓު ތަކަކީ ސިއްރު ވޯޓުތަކަކަށް ވާން ވާނެ ކަމަށެވެ. (ށ) ގައި ބުނަނީ އިންތިހާބުތަކުގައި އެކި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު އޮންނަން ވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ އެމީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މެންބަރުން މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަން ބަޔާންކޮށްފައިވާ، 75 ވަނަ މާއްދާގައި ބުނަނީ މަޖިލިސް މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހައްސަ ގުޅުމެއް އޮތް އެހެން މީހެއްގެ އެއްވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އަދި އެބައިމީހުން އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މެންބަރުންގެ އިމްތިޔާޒުތައް ހިމެނޭ 90 ވަނަ މައްދާގައި ބުނަނީ، މަޖިލިސް ޖަލްސާއެއްގައި، ނުވަތަ ކޮމިޓީއެއްގައި، މަޖިލިސް މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެމަތީން ދެއްވި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނަނީ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަން ހިނގިގޮތުގެ ހަގީގަތް ނުގެއްލޭގޮތަށް ޝާއިއުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ޝާއިއުކުރި ނޫސް މަސައްލާއަކާމެދު އެއްވެސް ދައުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. ބިލާމެދު ބަހުސްކޮށް، ހަމަ އެދުވަހު ބިލް ވަނީ ފާސްކޮށްފައެވެ. އެރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރައްވައިފައެވެ.

އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައި، ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލުމުގެ އިތުރުން، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.