މިމަހު 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލުގައި ކުރިއަށް ގެންދިޔަ ފަސްވަނަ ބީއެމްއެލް ގައުމީ ކުޑަކުދީންގެ ސްވިމިން ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަހަރު ކިޑްސް ސްވިމިން ފެސްޓިވަލުގައި 8 ކްލަބަކުން ވާދަކުރިއެވެ. އެއީ އެކުއަފީނާ، ކްލަބު ބޮޑުރިޔާ، ގާޑިއަންސް ސްޕޯޓްސް ކްލަބު، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން، މޫދު މާލިމީ، ނިއު ލެގޫންސް ސްވިމިން ކްލަބުގެ އިތުރުން ސޯލްޓެޑް ވެންޗާސް ސްވިމާސް އަދި ސްޕޯޓްސް ނޭޗާއިންނެވެ.

ކްލަބުތަކުން 321 ކުދިން މިފަހަރު ބައިވެރިވެފައިވާ އިރު، އިންޑިވިޖުއަލީވެސް 107 ފެތުންތެރިން ބައިވެރިވިއެވެ. އެހެންކަމުން ޖުމުލަ 428 ފެތުންތެރިން މިފަހަރުގެ އިވެންޓުން ފެނިގެން ދިޔައެވެ.

ގިނަ އުމުރުފުރާތަކުގެ އެއްވަނަ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން ހޯދި އިރު، އެޓީމުން ވަނީ 61 ފެތުންތެރިން ވާދަކޮށްފައެވެ. މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން ވަނީ މުބާރާތުގެ ކިޑްސް އޭ، އެއީ 2016 އަދި 2017 ވަނަ އަހަރު އުފަންވި ކުދިންގެ އުމުރުފުރާގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަމުގެ އިތުރުން ކިޑްސް ބީ، 2014 އަދި 2015 ވަނަ އަހަރު އުފަންވި ކުދިންގެ އުމުރުފުރާއިން ފިރިހެން އަދި އަންހެން ޗެމްޕިއަން ކަމާއި، ކިޑްސް ސީ، 2013 ވަނަ އަހަރު އުފަންވި ކުދިންގެވެސް ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދައިފައެވެ.

އެއީ މިފަހަރު މުބާރާތުގައި ފެތުންތެރިން ވާދަކުރި ތިން އުމުރުފުރައެވެ.

ކިޑްސް އޭ އުމުރުފުރާއިން ފިރިހެން ދެވަނަ ކްލަބު ބޮޑުރިޔާ ހޯދި އިރު، ތިންވަނަ އަކީ މޫދު މާލިމީ އެވެ. އަންހެން ދެވަނަ ނިއު ލެގޫންސް ސްވިމިން ކްލަބު ހޯދި އިރު، އެ އުމުރުފުރާ އަންހެން ތިންވަނައަކީ ކްލަބު ބޮޑުރިޔާ އެވެ.

ކިޑްސް ބީ އުމުރުފުރާގެ ފިރިހެން ދެވަނަ ކްލަބު ބޮޑުރިޔާ ހޯދި އިރު، ތިންވަނަ އަކީ ނިއު ލެގޫންސްއެވެ. އެ އުމުރުފުރާގެ އަންހެން ދެވަނައަކީ ނިއު ލެގޫންސްއެވެ. ތިންވަނަ ލިބުނީ ހަމަ ބޮޑުރިޔާއަށެވެ.

ކިޑްސް ސީ އުމުރުފުރާގެ ދެވަނަ ފިރިހެން ޓީމަކީ ބޮޑުުރިޔާއެވެ. ތިންވަނަ ނިއު ލެގޫންސް ހޯދި އިރު، އަންހެން ދެވަނައަކީވެސް އެއީއެވެ. އެ އުމުރުފުރާގެ އަންހެން ތިންވަނައަކީ ބޮޑުރިޔާއެވެ.