ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ މިކްސް ޑަބަލްސް ފައިނަލުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްއަށް ނިސްބަތްވާ ޒަޔާން ޒަކީއާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާއިން ޖާގަ ހޯދައިފިއެވެ.

ބީޑަބްލިޔުއެފް ގަބޫލުކުރާ ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގައި މިހާތަނަށް ރިވައިވަލްއިން ވަނީ ތާރީހީ ކާމިޔާބީތަކަކާ ހަމައަށް ވާސިލުވެފައެވެ. އެގޮތުން އަންހެން ސިންގަލްސް ފައިނަލަށް ދަތުރުކޮށްފައި ވަނީ ރިވައިވަލްއިން ވާދަކުރާ ނަބާއާއި އައިމިނަތު ނަބީހާ (ނަބީ)އެވެ. އޭގެ އިތުރުން ސެމީގެ ފަސް އިވެންޓެއްގައި ރިވައިވަލް ވާދަކޮށްފައިވެއެވެ.

ރޭ ކުޅުނު ސެމީ މެޗުގައި ޒަޔާނާއި ނަބާގެ ޕެއާއިން ވާދަކުރީ އަޒަރުބައިޖާންގެ ޖާހިދު އަލްހަސަނޯފް އާއި ހާޖަރު ނުރިޔޭވާގެ ޕެއާއާ ދެކޮޅެވެ. ސީދާ ދެ ސެޓުން ޒަޔާނާއި ނަބާ މެޗު ގެންދިޔައީ 21-13 އަދި 21-18 އިން ސެޓުތައް ގެންގޮސްގެންނެވެ.

ޒަޔާނާއި ނަބާގެ ޕެއާއަށް ފައިނަލުގައި ވާދަކުރަން ޖެހޭނީ އަޒަރުބައިޖާންގެ ވަރުގަދަ ޕެއާއެއް ކަމަށްވާ އާގިލް ގަބިލޯވާއި އެރާ މަފްތޫހާގެ ޕެއާއާ ދެކޮޅަށެވެ.