ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ލުން ފަށައިފިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު މީގެ ކުރިން ބާއްވަން ނިންމާފައި އޮތީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އިންތިހާބު ބާއްވާ ތާރީހު ފަސްކުރީ ޖުމްހޫރީ ދުވަސް ކަމަށްވާ މިމަހުގެ 11 އާ ގުޅިގެން 10 ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތަށް ކަނޑައެޅުމުން، 9 ގައި އިންތިހާބު ބާއްވައިފިނަމަ ދަތިތައް ކުރިމަތިވެދާނެތީއެވެ.

ޕީއެންސީގެ އެތެރޭގެ​​ އިންތިހާބުގެ ވޯޓްލުން ފަށާފައިވަނީ މިއަދު ހެނދުނު 10.00 ގައެވެ. ވޯޓް ފޮށިތައް ބަންދުކުރާނީ މިއަދު މެންދުރުފަހު 2:00 ގައެވެ.

މި އިންތިހާބުގެ ވޯޓުލުން 88 ރަށެއްގައި ކުރިޔަށްދާ އިރު، މާލޭގައި ވޯޓުލުން ކުރިއަށް ދާނީ ދަރުބާރުގޭގައެވެ. އެގޮތުން ޖުމުލަ 144 ވޯޓް ފޮއްޓެއް މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، ދަރުބާރުގޭގައި 56 ވޯޓް ފޮށި ވަނީ ބަހައްޓައިފައެވެ.

ޕީއެންސީގެ ​​​1984 މަގާމަށް މީހުން އިންތިހާބު ކުރާ އިރު، އޭގެ ތެރެއިން 1300 މަގާމަށް ވަނީ އިންތިހާބަކާ ނުލައި މީހުން ހޮވިފައެވެ.

މިއަދު ބާއްވާ އިންތިހާބުގައި ބާކީ ތިބި 667 މަގާމަށް މީހުން އިންތިހާބު ކުރާނެއެވެ. އެ މަގާމުތަކަށް 773 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީއިން މިއަދު "ވަން" އަށް ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޖުމުލަ 34،904 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. ވޯޓު ލުމުގެ ހައްގު 15،659 އަންހެނުންނަށް ލިބިފައިވާ އިރު، ވޯޓު ލުމު ހައްގު ލިބިގެންވާ ފިރިހެނުންގެ އަދަދަކީ 19،245 އެވެ. މި އިންތިހާބުގައި 13،410 ޒުވާނުންނަށް ވޯޓު ލެވޭނެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މެންބަރުން ހޮވުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ދާއިރާގެ ރައީސް، ދާއިރާގެ ނައިބު ރައީސް، އަންހެން ރައީސާ، ދާއިރާގެ އަންހެން މެންބަރުން، ދާއިރާގެ ޒުވާން ރައީސް، ދާއިރާގެ ޒުވާން މެންބަރުން، ދާއިރާގެ އާންމު މެންބަރުންނެވެ.

  • ދާއިރާގެ ރައީސް: 13 މެންބަރުން
  • ދާއިރާގެ ނައިބު ރައީސް: 75 މެންބަރުން
  • ދާއިރާގެ އަންހެން ރައީސާ: 41 މެންބަރުން
  • ދާއިރާގެ އަންހެން މެންބަރުން: 25 މެންބަރުން
  • ދާއިރާގެ ޒުވާން ރައީސް: 37 މެންބަރުން
  • ދާއިރާގެ ޒުވާން މެންބަރުން: 45 މެންބަރުން
  • ދާއިރާގެ އާންމު މެންބަރުން: 431 މެންބަރުން