އިއްޔެ ފެށި ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ހުރިހާ އިވެންޓެއްގެ ކުއާޓާ ފައިނަލުންވެސް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ޖާގަ ހޯދައިފިއެވެ.

ރިވައިވަލް އިން ބޮޓްސްވާނާ މުބާރާތުގައިވެސް ވާދަކުރަމުންދަނީ ދާދިފަހުން ޒެމްބިއާ މުބާރާތުގައިވެސް ވާދަކުރި ކުޅުންތެރިންނެވެ. އެއީ ޒަޔާނާއި ނިބާލް އަހުމަދުގެ އިތުރުން ރާއްޖޭގެ އަންހެން އެއް ނަމްބަރު ޕެއާ ކަމަށް ފާތިމަތު ނަބާހާއާއި އައިމިނަތު ނަބީހާއެވެ.

ޒެމްބިއާ މުބާރާތުން ޖުމުލަ ތިން މެޑަލް ރިވައިވަލް އިން ހޯދި އިރު، ނަބާހާއާއި ނަބީހާގެ ޕެއާ އިން ވަނީ ރަން މެޑަލްވެސް ހޯދައިފައެވެ.

ބޮޓްސްވާނާގެ މުބާރާތުގައިވެސް ރިވައިވަލްގެ ކުޅުންތެރިން ރަނގަޅު ހިސާބެއްގައި ރޭންކް ކޮށްފައިވާއިރު، ޒަޔާން ކުއާޓާއަށް ދިޔައީ ގަދަ 16 ގައި އަޒަރުބައިޖާންގެ އާގިލް ގަބިލޯވް 21-18 އަދި 21-14 އިން ބަލިކޮށްގެންނެވެ. އަޒަރުބައިޖާން ކުޅުންތެރިޔާއަކީ މުބާރާތުގައި އެންމެ ޓޮޕްކޮށް ރޭންކް ކޮށްފައިވާ އެއް ކުޅުންތެރިޔާއެވެ.

ފިރިހެން ސިންގަލްސް ކުއާޓާ އިން ނިބާލް ޖާގަ ހޯދީ މިއަދު ގަދަ 16ގެ މެޗުގައި ބޮޓްސްވާނާގެ ޓުމެލޯ މޮއިލްވާ 21-6، 21-14 އިން ބަލިކޮށްގެންނެވެ.

އަންހެން ޑަބަލްސްގައި ރާއްޖޭގެ ނަބާއާއި ނަބީ ވާދަކުރަން ފަށާނީވެސް ކުއާޓާ ފައިނަލުން ފެށިގެންނެވެ. އެއީ ޒެމްބިއާގެ މެރީ ޗިލާންބެއާއި އެވެލީން ސިއަމުޕަންގީލާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ރާއްޖޭގެ މިކްސް ޑަބަލްސް ދެ ޕެއާގެ ތެރެއިން ޒަޔާނާއި ނަބާހާގެ ޕެއާއިންވެސް ފަށާނީ ކުއާޓާއިންނެވެ. އެއީ ޔުގާންޑާގެ މުޒައްފަރު ލުބެގޭއާއި ވެރޯނާ ސަޑަޓް ރަޒަވިޕޫރާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ނިބާލާއި ނަބީހާގެ މިކްސް ޑަބަލްސް ގަދަ 16 ގައި ޒެމްބިއާގެ ޕީޓާ ޕޯހޯ އަދި ޓުކޫޒާގެ ޕެއާއާ ދެކޮޅަށް ނުކުމެ، މިއަދުގެ މެޗު ކާމިޔާބުކުރީ 21-11 އަދި 21-6 އިންނެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާއަށް ރިވައިވަލްގެ ނިބާލާއި ޒަޔާން ދިޔައީ ޔުގާންޑާގެ ފްރެޑް ކިރަބޯއާއި އިވާން މަޔޭގާގެ ޕެއާ ކައިރިން، 21-13 އަދި 21-14 އިން ސެޓުތައް ގެންގޮސްގެންނެވެ.

އަންހެން ސިންގަލްސްގައި ނަބާހާއާއި ނަބީހާ ވާދަކުރަމުންދާއިރު، ނަބާހާ ފަށާނީ ކުއާޓާއިންނެވެ. އޭނާ ކުއާޓާގައި ނުކުންނާނީ ޒެމްބިއާގެ ޖެނޭވާ ސިއަމުޕަންގީލާއާ ދެކޮޅަށެވެ. ނަބީހާ މިއަދު ގަދަ 16 ގައި ނުކުތީ ޒެމްބިއާގެ ޓުކޫޒާ އެމްބޭވޭއާ ދެކޮޅަށެވެ. އެމެޗު ނަބީހާ ކާމިޔާބުކުރީ 21-3 އަދި 21-8 އިން ސެޓުތައް ގެންގޮސް ފަސޭހަ ކަމާއެކުގައެވެ.