(15 ނޮވެމްބަރުގެ އަދަދާ ގުޅޭ)
މައިންބަފައިންގެ ޙައްޤުތަކާ ބެހޭގޮތުން ކީރިތި ޤުރްއާނާއި އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީސުފުޅުތަކުގައި ދެއްވައިފައިވާ ތަޢުލީމާތުގެ ޚުލާޞާއަކީ މައިންބަފައިންގެ ހުރިހައި އަމުރުތަކަކަށް އަހައި ކިޔަމަންވުމެވެ. އެބައިމީހުން ނުރުހޭގޮތަކަށް އެއްވެސްކަމެއް ނުކުރުމެވެ. ތިމާމެންގެ ޠަބީޢަތަށް ކިތަންމެ ބުރަގޮތަކަށް ވިޔަސްވެހެވެ. އެބައިމީހުން ރުހޭގޮތަށް ކަމެއްކުރުމުން ކިތަންމެބޮޑު ނުގުސާނެއްވުމުގެ އެކަށޭނަކަން އޮތްކަމުގައިވިޔަސް ވެހެވެ.
أبـــوالــدّرداء رضـــــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. މާތް اللّــــه ގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުވަކަމަކަށް އަހުރެންނަށް އަމުރުކުރެއްވިއެވެ. އޭގެތެރެއިން އެއްކަމަކީ:
"ތިބާގެ މައިންބަފައިންނަށް ކިޔަމަންވާށެވެ. ތިބާގެ ދުނިޔެއިން ނުކުމެގެންދާން އެބައިމީހުން އަމުރުކޮށްފި ކަމުގައިވާނަމަ އެކަމަށްވެސް ކިޔަމަންވެ ދުނިޔެއިން ނުކުމެގެންދާށެވެ." (سُـنَـــنُ ابـــن مــاجـــه، كـتـــاب الـفـتــن، بــاب الـصّـبــرعـلــــى الـبــلاء: 4034)
إبـــن عــمـــــر رضـــــى اللّــــه عــنـــــه ގެ އަރިހުން ރިވާވެފައިވެއެވެ. މާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ އަރަހުށި މާތް اللّــــه ޤިޔާމަތްދުވަހު އެބަޔަކާ ދިމާޔަށް ބައްލަވައިވޮޑިނުގަންނަވާނެ ބަޔެއްގެ ވާހަކައިން އަހަރެމެންނަށް ޚަބަރު ދެއްވައިފައެވެ. އެބައިމީހުން ސުވަރުގެއަކަށް ނުވައްދަވާނެއެވެ. އޭގެތެރެއިން އެކަކީ އެމީހާގެ މައިންބަފައިންނަށް އުރެދިފައިވާ މީހާއެވެ.
(سُـنَـــنُ نسائــى كـتـــاب الـــزّ كــاة، بــاب المــنّــان بـمـا اعطـــى:2562 - މި ރިވާޔަތުވަނީ بـــزّار އާއި الحــاكـــم އާއި إبـــن حِـبـــان ވެސް ނަކަލުކުރައްވައިފައިވެއެވެ. عــلاّمـــة الـبــانــــى ލިޔުއްވާގޮތުގައި މިއީ حـســن صحيـح ޙަދީސެކެވެ.)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު ޞަޙާބީންގެ މަޖިލީހެއްގައި އިންނަވައިފައި ސުވާލުކުރެއްވިއެވެ. ބޮޑެތި ފާފަތަކުގެ ތެރެއިންވެސް އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން އަހުރެން ތިޔަބޭކަލުންނަށް ބުނެނުދޭނެހެއްޔެވެ. (ވިދާޅުވެދެއްވަންހެއްޔެވެ؟)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ސުވާލުކުރެއްވުމަށްފަހު ޞަޙާބީންނަށް ވިދާޅުވެދެއްވި ކަންތައްތަކުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. (صحيح بخــارى، كـتــاب الأدب، بــاب عــقــوق الــوالــديـــن مــن الكـبــائــــر، 2654 صحيح مسلــم، كـتــاب الإيمــان، 143)
މައިންބަފައިންގެ އަމުރާ ޚިލާފުވެވޭނެ އޮތީ އެންމެ ކަމެކެވެ. އެންމެ ޙާލަތެކެވެ. މައިންބަފައިން އަމުރުކުރާ ކަމަކީ ޝަރްޢީގޮތުން ބަލާއިރު މަނާކަމަކަށްވުމެވެ. އެފަދަ އަމުރަކަށް ކިޔަމަންނުވިކަމުގައިވިޔަސް އެ ޙާލަތުގައިވެސް އެހެން ހުރިހައި ކަމެއްގައިވެސް މައިންބަފައިންނާ މުޢާމަލާކުރާންވަނީ ރީތި އަޚްލާޤު ލާޒިމުކުރާ އެންމެ ރަނގަޅު ގޮތުގައެވެ. އެންމެ އައިތަވެރި ގޮތަށެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އިރްޝާދު ދެއްވައިފައިވެއެވެ.
"އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކުކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ ތިބާ އެ ދެމީހުންނަށް ކިޔަމަން ނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބާވާށެވެ." (لــقـمــان: 15)
މި މާތް އާޔަތް ބާވައިލެއްވީ މަޝްހޫރު ޞަޙާބީ އަދި ޞަޙާބީންގެ ޖަނަރަލެއްކަމުގައިވާ سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވި ހާދިސާއާ މުނާސަބުވެގެންނެވެ. އެކަލޭގެފާނުގެ މައިކަމަނާ އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން އެކަމާ ވަރަށްބޮޑަށް ނުޤަބޫލުފުޅުވެވަޑައިގެން ހަރުކަށިފުޅުކަމާއެކު އެކަމާ އިދިކީލިވެވަޑައިގެންނެވިއެވެ. އެކަމަނާގެ ދަރިކަލުންނަށް ވިދާޅުވިއެވެ. "ދަރިފުޅު ތިޔަ އައުދީން ދޫކޮށްނުލާހައި ހިނދަކު އަހަރެން އެއްޗެއް ކައިބޮއެއް ނަހަދާނަމެވެ. ހިޔާވައްސަކަށް ނުވަންނާނަމެވެ." އޭގެ ޖަވާބުގައި އެކަމަނާއަށް ދެންނެވުނެވެ. ތިޔަ ކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. އެކަމަކު ދުނިޔަވީ މުޢާމަލާތަކުގައި ކަމަނާއާމެދު ރިވެތިގޮތުގައި އަޚްލާޤު ބަހައްޓައި ރަނގަޅަށް މުޢާމަލާ ކުރެވޭނެއެވެ. (صحيح مسلــم، كـتــاب فـضــائـــل الـصحــابـــة: 1743)
عــلاّمـــة قــرطـبــــى މިކަމުގެ ޝަރަޙައިގައި ލިޔުއްވައިފައިވެއެވެ.
"މި އާޔަތުން ދަލީލު ލިބެނީ މައިންބަފައިންނަކީ ކާފަރުންކަމުގައިވިޔަސް އެބައިމީހުންނަކީ އެހީއަށް ބޭނުންވެފައިވާ ބަޔަކުކަމުގައިވާނަމަ އެބައިމީހުންނަށް މަދަދުކުރާންޖެހޭނެކަމުގެ މައްޗަށެވެ. އެބައިމީހުނާ ވާހަކަ ދައްކާންވާނީ އޯގާތެރިކަމާއި އަދަބުވެރިކަމާއެކުގައި ކަމުގެ މައްޗަށެވެ. އެބައިމީހުންނަށް ކަންކަން ފަހިކޮށްދީ އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދޭންޖެހޭނެކަމުގެ މައްޗަށެވެ." (تــفسيـــرقـــرطـبــــى: 14/65)
ދަރީން މައިންބަފައިން ރުހޭގޮތަށް ކަންތައްކޮށްދީ އެބައިމީހުންގެ ބަސްއަހާ ކަމުގައިވާނަމަ އެމީހުން ތިބޭނީ އުފަލުގައެވެ. ދަރީން ބަސްނާހައި މައިންބަފައިން ރުހޭގޮތާ ޚިލާފަށް އުޅޭކަމުގައިވާނަމަ މައިންބަފައިންނަށް އެކަމުގެ ހިތްދަތިކަން ލިބޭނެއެވެ. އިސްލާމްދީން އުނގަންނައިދޭގޮތަކީ މައިންބަފައިން އުފަލުގައި ބައިތިއްބުމެވެ. މައިންބަފައިން ރުހި އުފާވުމުން މާތް اللّــــه ރުހިވޮޑިގެންވެއެވެ. މައިންބަފައިންގެ ނުރުހުންވާނީ މާތް اللّــــه ރުހިވޮޑިނުގެންނެވުމުގެ ސަބަބެއް ކަމުގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަދީސްފުޅެއްގައިވެއެވެ.
"މައިންބަފައިންގެ ރުހުމާ ގުޅިފައިވަނީ މާތް اللّــــه ގެ ރުހިވޮޑިގެންނެވުމެވެ. މައިންބަފައިންގެ ނުރުހުމާ ގުޅިފައިވަނީ މާތް اللّــــه ގެ ރުހިވޮޑިނުގެންނެވުމެވެ." (مــنــذرى، الّـــرغـيـب والــتّـــرهـيـب: 20/946 حــوالــه بـــزار)
ޖިހާދުކުރުމާއި ހިޖްރަކުރުމުގެ އަމުރުފުޅު ދެމިއޮތް ދުވަސްވަރު ހިޖްރަކުރުމަކީ އިސްލާމްދީނުގައި ނުހަނު ގިނަގުނަ ސަވާބާއި ދަރުމަހުރިކަން ބަޔާންކުރައްވައިފައިވާ އައިތަވެރި ދެޢަމަލެވެ. އެހެންނަމަވެސް މައިންބަފައިންގެ ޙައްޤުތަކާމެދު ފަރުވާކުޑަކޮށް އެބައިމީހުން ހިތުގައި ޖައްސައިފައި އެދެކަމުންކުރެ އެއްވެސްކަމެއް ކުރާކަށެއް ހުއްދައެއް ނުދެއްވައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. "އަޅުގަނޑު ހިޖްރަކުރާން ކަލޭގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފަމެވެ." ނަމަވެސް އޭނާގެ މައިންބަފައިން ދިރިދުނިޔޭގައި އެބަތިބިކަމާއި އޭނާއާ ވަކިވާން އެބައިމީހުން ނުރުހޭކަމާއި ރޮއި ހިތާމަކުރާކަން އެނގިވަޑައިގެންނެވިހިނދު ޙަދީސު ކުރެއްވިއެވެ.
"ތިބާ އެދެމީހުންގެ ގާތަށް އެނބުރި ދާށެވެ. އެބައިމީހުން ރޮއްވިގޮތަށް އެދެމީހުން ހެއްވާށެވެ." (سُـنَـــنُ أبــى داؤد، كـتــاب الجهــاد، 2528، سُـنَـــنُ الـنساتــــى 4162، سُـنَـــنُ ابـــن مــاجــة، 2782)
عــبــداللّــــه بـــن عــمــــــر رضـــــى اللّــــه عــنـــــه عـنـهــمــا ގެ ބަސްފުޅެއްގައިވެއެވެ. "ދަރިޔެއްގެ ކިބައިގައި ހުންނަ މައިންބަފައިން ރޯން މަޖުބޫރުކުރުވާ ރަވައްޔާއަކީ އެބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. އެކަން ހިމެނޭނީ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ." (بخـــارى، الأدب الــفـــرد، بــاب بـكــاء الــوالــديـــن، 310)
މައިންބަފައިންގެ ޙައްޤު އަދާކުރުމާއި އެބައިމީހުނާމެދު ރިވެތި ޚުލުޤުން އަޚްލާޤު ބެހެއްޓުމުގައި ހިމެނޭ އެއްކަމަކީ އެބައިމީހުންގެ މާލީ ބޭނުންތައްވެސް ފުއްދައިދިނުމެވެ. ނުފުދުންތެރިކަމުގެ ތެރެޔަށް އެބައިމީހުން ދޫކޮށް ނުލުމެވެ. ނަބަވީ ދައުރުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وســلّـــــم އާ ޞަޙާބީން ސުވާލުކުރެއްވިއެވެ. މައިންބަފައިންނަށް ކުރާންޖެހޭނީ ކޮންކޮން ޚަރަދުތަކެއްތޯއެވެ. ކިހައިވަރަކަށްތޯއެވެ. ޖަވާބު ދެއްވައިފައިވަނީ ޚަރަދުކުރާން ޖެހޭކަންކަމާއި މިންވަރު ކަނޑައެޅުއްވުމަކާ ނުލައެވެ. ދެއްވައިފައިވަނީ އެބަޔެއްގެ މައްޗަށް ޚަރަދުކުރާންޖެހޭ މީހުންގެ މަޢުލޫމާތެވެ. އެ ލިސްޓުގައި އެންމެ ކުރީގައިވަނީ މައިންބަފައިންގެ ނަމެވެ.
"މީސްތަކުން، އެއުރެން ހޭދަކުރާންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރާންވީ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ހާލުގައި ޖެހިފައިވާ) ދަތުރުވެރީންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، اللّــــه މޮޅަށް ދެނެވޮޑިގެންވެއެވެ." (الــبـقــــــرة: 215)
(ނުނިމޭ)
ދީން
ދީން
ދީން
ދީން