ރަޝިއާގެ އެންމެ ބޮޑު އެއް ބޭންކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ފިޔަވަޅު އަޅާފައިވަނީ ގަޒްޕްރޮމް ބޭންކާ ދެކޮޅަށެވެ. އެ ބޭންކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ރަޝިއާގެ ދައުލަތުގެ ގޭސް ކުންފުނި ގަޒްޕްރޯމް ކަމަށްވީތީއެވެ.

އެމެރިކާ އިން ވަނީ އެ ފިޔަވަޅުގެ ދަށުން އެ ބޭންކު އެމެރިކާގެ ބޭންކިން ސިސްޓަމުން ބޭރުކޮށް، ބޭންކުގެ ހުރިހާ އެސެޓުތައް ހިފަހައްޓައި އެމެރިކާ ރައްޔިތުންނާއެކު އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތް ހަދައިފައެވެ.

އެމެރިކާ އިން ވަނީ ގަޒްޕްރޮމް ބޭންކުގެ އިތުރުން ރަޝިއާގެ އިތުރު 50 ބޭންކާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން ނިންމައިފައެވެ. އެގޮތުން އެ ގައުމުން ވަނީ ބައިނަލްއަގުވާމީ ފައިނެންޝަލް ސިސްޓަމްތަކުން އެ ބޭންކުތައް ވަކިކުރަން ނިންމައިފައެވެ.

އެެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ރަޝިއާ އިން އެ ގައުމުގެ ބޭންކުތައް މެދުވެރިކޮށް ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ހޯދުމަށް ފައިސާ ދައުރުކުރެއެވެ.