އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތުކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހެދުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފެށީ މިދިޔަ މަހުގެ 28 ގައެވެ.

އެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ގޯތިތެރޭ ބޭއްވި ހަފުލާގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

އެ ހަފުލާގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާ ރީތިކޮށް އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާ ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުއްވައިދެއްވި ކަމަށްޓަކައި ސްޓްލްކޯގެ އެމްޑީ ފަހުމީއަށް މިނިސްޓަރު ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާ ތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތަރީހާއި ސަގާފަތާ ގުޅޭ އެ ތަން ރައްކާތެރިކަމާއެކު ދެމެހެއްޓާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ އެ މަސައްކަތް ކުރުމުގެ ފުރުސަތު ދިން ކަމަށްޓަކައި ސަރުކާރާއި މިނިސްޓްރީއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތްކުރި ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.