"ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު"ގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރި ކުރެވޭނީ އެކަމަށް ހާއްސަ ލައިސަންސެއް ނަގައިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު" އަށް ގެނައި އިސްލާހަށް މިމަހު 15 އިން ފެށިގެން އަމަލުކުރަން ފަށައިފައިވާ ކަމަށެވެ.

އެ އިސްލާހުގައިވާ ގޮތުން ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއް، ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަން ޖެހޭނެއެވެ.

"ނަމަވެސް އިސްވެދެންނެވި ހުއްދަތައް ހޯދުމަށް ލާޒިމުވަނީ މި ގާނޫނުގައި ބަޔާންކުރާ ފަދައިން މި ހުއްދަތައް ދިނުމުގެ އުސޫލާއި އިޖުރާއަތްތައް ކަނޑައަޅާ ބަޔާންކުރާ ގަވާއިދު އާންމުކުރުމުން އެ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގައެވެ..،" ހެލްތު މިނިސްޓްރީން ބުންޏެވެ.

"ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު" ގެނައި އިސްލާހުގައިވާ ގޮތުން ލައިސެންސް ދޫކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަސް ދުވަހުގެ ތެރޭގައި ގަވާއިދެއް ހަދަންޖެހެއެވެ.