މާލޭ ސިޓީ ކައުންސިލްގެ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން މިއަދު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކުރިއަށް އޮތް ރޯދަމަހު، އެ ކައުންސިލުން ބާއްވަން ނިންމާފައިވާ ގުރުއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ގުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައިވެސް ހަ އުމުރުފުރާއަކުން ބައިވެރިވެވޭނެ ކަމަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
އަދި ގުރުއާން ކިޔެވުމުގެ މުބާރާތުގައާއި މަދަހަ ކިޔުމުގެ މުބާރާތުގައި ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން އިތުރަށް ބުނީ، މުބާރާތް ބާއްވާނެ ތާރީހު މާލެ ސިޓީ ކައުންސިލުން ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު