އިއްޔެ ރައްޔިތުން މަޖިލީހުން ފާސްކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަކީ، ރައްޔިތުންނަށާއި، ގައުމަށް ވަރަށް މުހިންމު އިސްލާހުތަކެއްކަމަށާއި، މި އިސްލާހުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުންކަމުގައި ފާހަގަކުރައްވާއެވެ. އެހެންނަމަވެސް އިއްޔެ ގެނައި އިސްލާހާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނީ ކަމުގައި ރައީސް ވިދާޅުވިއެވެ. މި ގެނައި އިސްލާހާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތަށް ކަނޑައަޅައި، ސަރަހައްދަކަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއެކު ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، އަމަލީ ގޮތުން ހަރަކާތްތެރި ވާނަމަ، އެކަމަށް މަޖިލީހުން ރުހުން ލިބި ފާސްވާން ޖެހޭކަމަށް ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވައި، މި ގެނައި އިސްލާހަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށް ޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި 'އެންޓި ޑިފެކްޝަން' ގާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ހިނގައްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް. ޑރ. މުއިއްޒުގެ ވީޑިއޯ މެސެޖު ނިންމަވައިލައްވަމުން، އެ މަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ތަރައްގީއާއި ހަމަޖެހުމަށްޓަކައި ނުހަނު ޖޯޝާއެކު ގައުމީ ރޫހުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއްކަމުގައި ފާހަގަކުރައްވައިފައެވެ. އަދި އެފަދަ ނިންމެވުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމެވީތީ، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރު އަދާކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު