މަޝްވަރާކުރުމެއް ނެތި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުން ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގާނޫނުއަސާސީއަށް މިއަދު ގެނައި އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހު ވެސް ހިމެނެއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މިއަދު ހުށަހެޅި އެ ބިލުގެ ކޮމިޓީ މަރުހަލާ ނިންމައި، މިއަދު ހަވީރު އެ ބިލު ވަނީ ފާސްކޮށްފައެވެ.
ޑިމޮކްރެޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް ބަދަލުތައް ގެންނަވާނީ ސިޔާސީ ޕާޓީތައް ޝާމިލުކޮށް ފުޅާމިނެއްގައި މަޝްވަރާކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވުމަށްފަހު އެއާ މުޅިން ހިލާފަށް އަމަލުކުރައްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"އެ ބަދަލުތަކުގެ ތެރޭގައި އެންޓި ޑިފެކްޝަންއާ ގުޅޭ ހުށަހެޅުމެއް ހިމެނޭ އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކުރުމުން މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރެއެވެ..،" އެ ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ.
ޑިމޮކްރެޓްސް އިން ބުނީ އެންޓި ޑިފެކްޝަން ނުވަތަ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށާއި ނަމަވެސް މިހާރު ގެނައި ބަދަލާއެކު މެންބަރެއްގެ ގޮނޑި ގެއްލުވާލުމަށް ބޭނުންވެއްޖެ ކޮންމެ ފަހަރަކު ފަސޭހަކަމާއެކު އެ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްލުމުން އެ މެންބަރެއްގެ ގޮނޑި ގެއްލިގެންދާނެ ކަމަށެވެ.
"މި ޕާޓީން މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށްފައިވާނީ، އާންމު ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މެންބަރަކު، ޕާޓީއަކުން ކަނޑާލުމުން އެ މެންބަރެއްގެ ގޮނޑި އޮޓޮމެޓިކުން ގެއްލިދާ ގޮތްވުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ..،" އެ ޕާޓީން ބުންޏެވެ.
ޑިމޮކްރެޓްސް އިން ބުނީ ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އަނެއް ބަދަލުގައިވާ ގޮތުން ކުރު ރާސްތާ އާއި މެދު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭންތައް އެކުލަވާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވުން ކަމަށާއި އެކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއްގެ ޝާމިލުވުމެއް، ރުހުމެއް ނުވަތަ މަޖިލީހުން ފާސްކުރުމެއް އޮންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
އަދި އެ އިރެއްގައި ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކު އެފަދަ ޕްލޭނެއް އެކުލަވާލުމުން، ދެން އިންތިހާބުކުރެވޭ ރައީސުން އެއަށް ތަބާވާން ޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގެން ނެތް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
އެ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނީ ސަރުކާރުން ކުރިން ބުނިގޮތަށް ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ މަޝްވަރާތައް ފުޅާދާއިރާއެއްގައި ބާއްވައި، އެކަމުގައި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުން ޝާމިލުކުރުމަށް ގޮވާލާ ކަމަށެވެ.
ގާނޫނުއަސާސީއަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ އެ އިސްލާހުތައް ތަސްދީގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު