ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިއަދު ގެނައި އިސްލާހަށް ރައްޔިތުންގެ ހިޔާލު ހޯދާކަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މިއަދު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި މިއަދުން މިއަދަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު ވަނީ ތަސްދީގު ކުރުމަށްފަހު ގެޒެޓުކޮށްފައެވެ.
މިއަދު ބޭއްވި މަޖިލީހުގެ ދެ ޖަލްސާއަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ގާތުގައި އަހައިގެން ގެންނަންޖެހޭ އިސްލާހުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް ރައްޔިތުން އިންތިހާބުކުރާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތް ހެދުމަކީ ރައްޔިތުންގެ ގާތު އަހަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ނުޖެހޭނެ ހޯދާކަށް. ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަންކަން އެބަހުރި ބަޔާންކޮށްފަ. މިސާލަކަށް ރައްޔިތުންގެ އަސާސީ ހައްގުގެ ބޭބުގައި އޮތް އެއްވެސް ކަމަކަށް ބަދަލެއް ގެންނަނަމަ ރައްޔިތުން ގާތު އަހާލަންޖެހޭނެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނޫނީ ވެރިކަން ކުރުމުގެ ނިޒާމު، މިކަހަލަ ކަންތައްތަކުގައި ރައްޔިތުން ކައިރީގައި އަހާލަންޖެހޭ ގޮތަށް އޮންނަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ރައްޔިތުން ގާތު އަހަން ބޭނުން ވެއްޖެ ނަމަ އެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ނަމަވެސް މިއަދު ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ މި ވަގުތަށް ހަމަ ކޮންމެހެން ގެންނަން ޖެހިގެން ގެނައި އިސްލާހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު