އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ ކްލަބް، އޭސީސީ ރެކްރިއޭޝަން ކްލަބުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި އެ ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މަނިކު ސަސްޕެންޑްކޮށްފިއެވެ.

ހަސަނަކީ ރެކްރިއޭޝަން ކްލަބުގެ މިހާރުގެ ރައީސެވެ. މިއީ އޭނާ އެ މަގާމު ފުރުއްވާ ދެވަނަ އަހަރެވެ.

ހަސަންގެ ނަން ނުގެނެސް، އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަސަން ސަސްޕެންޑް ކުރީ އޭނާއާ ގުޅުންހުރި ބައެއް ކަންކަން ފާހަގަކޮށް އެ ކުލަބުގެ ހިންގާ ކޮމިޓީން ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އެ މައްސަލައާ ގުޅިގެން ހަސަން، ކޮމިޝަނުގައި އަދާކުރާ މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުން ދުރުކޮށް ސަސްޕެންޑްކޮށް، މަގާމާ ސީދާ ގުޅުން ނެތް ކޮމިޝަނުގައި އެ މުވައްޒަފު އަދާކުރާ ހުރިހާ މަސްއޫލިއްޔަތަކުން ދުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އޭސީސީން ބުނީ، ހަސަންއަކީ އެ ކޮމިޝަނުގެ ތަހުގީގުތަކާ ގުޅުންހުރި އެއްވެސް މަސައްކަތެއް އެއްވެސް އިރެއްގައި ކޮށްފައިވާ މުވައްޒަފެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް ބުންޏެވެ.

އޭސީސީގެ ރެކްރިއޭޝަން ކްލަބަކީ ރަޖިސްޓްރީކޮށްގެން ހިންގައި، ހަމައެކަނި ޖަމިއްޔާގެ ރަޖިސްޓްރާއަށް ޖަވާބުދާރީ ވާންޖެހޭ ކްލަބެކެވެ. އަދި އެ ކުލަބަކީ އޭސީސީގެ މާލީ ކަންކަމާ މުޅިން ވަކިން ހިންގާ ކްލަބެކެވެ. އެ ކްލަބު ހިންގަން ކޮންމެ މަހަކު ވެސް މުވައްޒަފުން 175 ރުފިޔާ ދޭއިރު، އޮފީސްތެރޭގައި ހިންގާ ކެންޓީނުން ލިބޭ ފައިސާ ވެސް ވަންނަނީ ރެކްރިއޭޝަން ކްލަބުގެ އެކައުންޓަށެވެ.