ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ރަފޭލް ނަޑާލްގެ ޓެނިސް ކެރިއަރުގެ ފަހު މެޗު ކުޅެ، ކެރިއަރު ނިންމާލައިފިއެވެ.

ޖުމުލަ 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ އުމުރުން 38 އަހަރުގެ ސްޕެއިން ތަރި ނަޑާލް ޕްރޮފެޝަނަލް ޓެނިސް ހުއްޓާލާނެކަން އިއުލާނު ކޮށްފައިވަނީ އޮކްޓޯބަރު މަހުގައެވެ. އޭނާ އިއުލާނުކުރީ ސްޕެއިންގެ މަލާގާގައި އޮންނަ ޑޭވިސް ކަޕަށްފަހު ޓެނިސް ހުއްޓާލާނެ ކަމަށެވެ.

ރޭ ޑޭވިސް ކަޕްގައި ނަޑާލްގެ ގައުމު ސްޕެއިނުން ނެދަލޭންޑް ކައިރިން ބަލިވީ ކުއާޓާ ފައިނަލް ޓައި އިންނެވެ. ޓައިގެ ފުރަތަމަ މެޗުގައި ނަޑާލް، ބޮޓިކް ވެން ޑެ ޒާންޑްޝުލްޕް ކައިރިން ބަލިވީ 6-4، 6-4 އިންނެވެ.

ސްޕެއިންގެ އެއް ނަމްބަރު ކުޅުންތެރިޔާ ކާލޮސް އަލްކަރާޒް ދެވަނަ ގޭމްގައި ޓެލޮން ގްރީކްސްޕޯރް ކައިރިން 7-6 (7-0) އަދި 6-3 އިން ސެޓުތައް ގެންގޮސް މޮޅުވި ނަމަވެސް ދެން ކުޅުނު ދެ ގޭމުގައިވެސް ސްޕެއިން ވަނީ ބަލިވެފައެވެ. އެއީ އަލްކަރާޒާއި މާސެލް ގްރަނޯލާސް ޒާންޑްޝުލްޕާއި ވެސްލޭ ކޫލްހޮފާ ދެކޮޅަށް ކުޅުނު ދެ ގޭމެވެ.

"އަހަރެންގެ ކެރިއަރަށް މިވީ 20 އަހަރު ދުވަހުގެ ތެރޭގައި ތިޔަ ހުރިހާ ސަޕޯޓަރުން އަހަންނާއެކު އުފާކޮށް، ހިތާމަވެސް ކުރި. އަދި އަހަރެން ކާމިޔާބީއާ ހަމައަށް ގެންގޮސްދިނިން،" ރޮވިފައި ހުރެ، ފުރިފައި އޮތް ސްޓޭޑިއަމް ތެރޭ ތިބި ސަޕޯޓަރުންނާ ވާހަކަދައްކަމުން ބުންޏެވެ.

ނަޑާލް ބުނީ ހުއްޓާލަން ބޭނުން ނުވިޔަސް ޓެނިސް އެންމެ އުހުގައި ކުޅުމަށް މިހާރު ހަށިގަނޑު ތަން ނުދޭ ކަމަށެވެ. އަދި އެކަން ގަބޫލުކޮށް، މިހާރު ހުރީ ހިތަށް ހަމަޖެހުމެއް ހޯދައިގެން ކަމަށް ނަޑާލް ބުންޏެވެ.

ރޭގެ މެޗު ބަލަން ވަދެ ތިބި، 11،500 މީހުން "ރަފާ، ރަފާ، ރަފާ"ގެ ޗޭންޓްތަކުން މުޅިތަން ގުގުމާލާފައިވާ އިރު، ނަޑާލްގެ އަންހެނުން މެރީއާއި އެންމެ ހަގު ދަރި ރަފައެލް ޖޫނިއާ އަދި މަންމައާއި ބައްޕަގެ އިތުރުން އާއިލާ އެހެން މީހުންވެސް މެޗު ބަލަން ތިއްބެވެ.

ޖުމުލަ 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ ނަޑާލް ވަނީ މިއަހަރުގެ ކުރީކޮޅުގައި އޭނާގެ ކެރިއަރުގެ ހަތަރުވަނަ އޮލިމްޕިކްސްގައި ވާދަކޮށްފައެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި ސިންގަލްސް ރަން މެޑަލް ހޯދައި، ރިއޯ އޮލިމްޕިކްސްގައި 2016 ވަނަ އަހަރު ޑަބަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދައިފައެވެ.

ނަޑާލް ކެރިއަރުގައި މިހާތަނަށް ޖުމުލަ 92 އޭޓީޕީ ޓައިޓަލް ހޯދާފައިވާ އިރު، އެންމެ ގިނަ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑު ވެސް އޮތީ އޭނާ އަތުގައެވެ. އެއީ 14 ތަށްޓާއެކުގައެވެ.

ނަޑާލްއަކީ މިހާރު ވެސް ދެވަނައަކަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ފިރިހެން ކުޅުންތެރިޔާއެވެ. އޭނާއަށް ވުރެ ގިނައިން ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ހަމައެކަނި ފިރިހެން ޓެނިސް ކުޅުންތެރިޔަކީ ނޯވަކް ޖޮކޮވިޗެވެ. އެއީ 24 ގްރޭންޑް ސްލޭމް ތަށްޓެވެ.