ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ރަފޭލް ނަޑާލް، ކުރިއަށް އޮތް ޑޭވިސް ކަޕަށްފަހު ކުޅުން ހުއްޓާލާނެ ކަމަށް އިއުލާނުކޮށްފިއެވެ.

ޖުމުލަ 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ އުމުރުން 38 އަހަރުގެ ސްޕެއިން ތަރި ނަޑާލް ޕްރޮފެޝަނަލް ޓެނިސް ހުއްޓާލާނެ ކަން އިއުލާނު ކޮށްފައި ވަނީ މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައެވެ. އޭނާގެ ފަހު މުބާރާތް އޮންނާނީ ސްޕެއިންގެ މަލާގާގައެވެ.

"މިދިޔަ ދެތިން އަހަރަކީ ކެރިއަރުގައި ވަރަށް އުނދަގޫ ދެތިން އަހަރު. ހާއްސަކޮށް މިދިޔަ ދެ އަހަރަކީ ވަރަށް އުނދަގޫ ދެ އަހަރު. އަހަންނަށް ހަގީގީ ފެންވަރު ކުޅެން ވަރަށް އުނދަގޫ ޗެލެންޖްތަކެއް ދިމާވި. އެއީ އެކިއެކި އަނިތާކުގެ ސަބަބުން. އެހެންކަމުން މިއަދު ނިންމުން ނިންމީ އެ ހުރިހާ ކަމަކަށްވެސް ވިސްނާފައި،" ނަޑާލް ބުންޏެވެ.

މިއަހަރުގެ ކުރީކޮޅުގައި ނަޑާލް ވަނީ އޭނާގެ ކެރިއަރުގެ ހަތަރު ވަނަ އޮލިމްޕިކްސްގައި ވާދަކޮށްފައެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި ސިންގަލްސް ރަން މެޑަލް ހޯދައި، ރިއޯ އޮލިމްޕިކްސްގައި 2016 ވަނަ އަހަރު ޑަބަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދައިފައެވެ.

ނަޑާލް ކެރިއަރުގައި މިހާތަނަށް ޖުމުލަ 92 އޭޓީޕީ ޓައިޓަލް ހޯދާފައިވާ އިރު، އެންމެ ގިނަ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑު ވެސް އޮތީ އޭނާ އަތުގައެވެ. އެއީ 14 ތަށްޓާއެކުގައެވެ.

ނަޑާލްއަކީ މިހާރު ވެސް ދެވަނައަކަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ފިރިހެން ކުޅުންތެރިޔާއެވެ. އޭނާއަށް ވުރެ ގިނައިން ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ހަމައެކަނި ފިރިހެން ޓެނިސް ކުޅުންތެރިޔަކީ ނޯވަކް ޖޮކޮވިޗެވެ. އެއީ 24 ގްރޭންޑް ސްލޭމް ތަށްޓެވެ.