އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސްކޭމް ވީޑިއޯތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ގާސިމް އެދިވަޑައިގެންފިއެވެ.

ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ވީޑިއޯތަކުގައި އޮފްޝޯ ޓްރޭޑް ކުރުމަށާއި އިންވެސްޓްކޮށް، އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުއާމަލާތްތައް ދިވެހިންނަށް އޭނާ ހޯއްދަވައިދޭއްވާނެ ކަމަށާއި ރާއްޖޭގެ ގައުމީ ބޭންކު މެދުވެރި ސްކީމް ފައިދާ ލިބޭނެ ކަމަށް ވީޑިއޯގައި ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރަޖައިގެ އަމަލުތަކެކެވެ،" ގާސިމް ވިދާޅުވިއެވެ.

އެފަދަ އެއްވެސް ސްކޭމެއްގައި ރައްޔިތުން ނުޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އޭނާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އިތުރަށް ދައުރުކޮށް ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.