ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ޔޫރޮލޮޖީ ޓްރާންސްޕްލާންޓް ފަރުވާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އިވާން ނެރެޓްޔަކް، ޓްރީޓޮޕް ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ޓްރީޓޮޕުން މިއަދު ބުނީ، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ޔޫރޮލޮޖީ ޓްރާންސްޕްލާންޓް އަދި ޕެރިޓޯނިއެލް ޑަޔަލިސިސް ފަރުވާގެ މާހިރު، ޑރ. ނެރެޓިޔަކް މިމަހުގެ 25 އިން 28 އަށް އެ ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑރ. ނެރެޓިޔަކް ފޯރުކޮށްދޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންވާ ކެތީޓާ ހޮޅި ލެއްވުމާއި ހީމޯޑަޔަލިސިސް ފިސްޓުލާ އޮޕަރޭޝަންތައް (ފިސްޓުލާ ހެދުމާއި ފިސްޓުލާ މަރާމާތުކުރުމުގެ ސާޖަރީތައް) ހިމެނެއެވެ. ޓްރީޓޮޕްގައި ޑރ. ނެރެޓިޔަކް ފޯރުކޮށްދޭނެ ފަރުވާގެ ތަފްސީލު ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ޓްރީޓޮޕުން ބުނީ މިހާތަނަށް ރާއްޖޭގައި ކިޑްނީ ފެއިލްވެފައިވާ ބަލިމީހުންނަށް ލިބެން އޮތީ ހަމައެކަނި ހީމޯޑަޔަލިސިސް ފަރުވާ ކަމަށާއި މިއީ ވަކި ހާއްސަ ތަނެއްގައި، ނުވަތަ ހޮސްޕިޓަލުގައި ކުރަންޖެހޭ ފަރުވާއެއް ކަމަށެވެ.

ޕެރިޓޯނިއެލް ޑަޔަލިސިސް އަކީ ބަނޑުގައި ހުންނަ "ޕެރިޓޯނިއެލް ލައިނިންގް" ކިޔާ ފަށަލައިގެ ބޭނުން ހިފައިގެން ފަސޭހައިން ހޮސްޕިޓަލަށް ނައިސް ހޯދޭ ޑަޔަލިސިސް ފަރުވާއެކެވެ. އެގޮތުން ބަލިމީހާއަށް ފަސޭހަ ތަނެއްގައި ހުރެގެން، ހޮސްޕިޓަލަށް ނައިސް އަމިއްލައަށް މި ފަރުވާ ދެވެއެވެ.

ޓްރީޓޮޕުން ބުނީ އޭގެ ސަބަބުން ހޮސްޕިޓަލަށް އައުމަށް ހޭދަވާ ހަރަދާއި ވަގުތު ކުޑަކުރެވޭނެ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް އޭގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ޓްރީޓޮޕުން ބުނީ އެ ފަރުވާ ތައާރަފުކުރުމުގެ ގޮތުން ޑރ. ނެރެޓްޔަކް އަދި އެ ހޮސްޕިޓަލުގެ ކުޅަދާނަ ނެފްރޮލޮޖީ ޓީމުން ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި، ހިލޭ ކައުންސެލިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންވާ ކެތީޓާ ހޮޅި ލެއްވުމާއި ބަލިމީހާއަށް ގޭގައި ހުރެގެން އެކަން ކުރާނެ ގޮތުގެ އިރުޝާދުވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕެރިޓޯނިއެލް ޑަޔަލިސިސް ހެދުމަށް ބޭނުންވާ ފަރާތްތަކުން ހިލޭ ކައުންސެލިންއަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކޯލް ސެންޓަރު 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ރެޖިސްޓްރީ ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕުން ބުނީ އެ ކައުންސެލިން ސެޝަންތަކުން މިހާރުވެސް ޑަޔަލިސިސް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި، ކިޑްނީ ފެއިލްވެފައިވާ ނަމަވެސް އަދި ޑަޔަލިސިސް ފަރުވާ ނުފަށައި އެކިއެކި ފަރުވާތައް ދިރާސާކުރަމުންދާ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ސެޝަންތަކުގެ ތާރީހުތައް ކަނޑައެޅޭނީ، އިތުރު މައުލޫމާތު ހޯދުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ޑަޔަލިސިސް ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، އަގުހެޔޮ ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ޕެރިޓޯނިއަލް ޑަޔަލިސިސްއާ ގުޅުންހުރި އެންމެހައި ޕްރޮސީޖާތަކާއި ހިދުމަތްތަކަށް ފުރިހަމައަށް ހަރަދު ހަމަޖައްސައިދޭނެކަން ކަށަވަރުކޮށްދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އެންމެފަހުގެ ވަސީލަތްތަކާއެކު ތަފާތު ހިދުމަތްތައް ތައާރަފުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދަނީ އެކި ދާއިރާތަކުގެ ނަން މަޝްހޫރު ހާއްސަ ޑޮކްޓަރުންގެ އިސްނެގުމުގެ ދަށުން، ވަރަށް ގާބިލު އަދި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.